ކޮވިޑް 19އާ ގުޅިގެން ރާއްޖެއަށް އިތުރު ވެންޓިލޭޓަރުތައް ގެނައުމުގެ މަސައްކަތްތަކާ ގުޅޭގޮތުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާ ސުވާލުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މިނިސްޓަރު އަމީނާ ސުވާލުކުރެއްވުމަށް މަޖިލީހަށް ހާޒިރުކޮށްދެއްވުމަށް ހުށަހަޅުއްވާފައިވަނީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ހައިތަމް ފޮނުއްވި ސިޓީގައި މިނިސްޓަރު އަމީނާ ކުރައްވާނެ ދިހަ ސުވާލެއް ވަނީ ހިމަނުއްވައިފައެވެ. އެ ސުވާލުތަކަށް ވީ އެންމެ އަވަސް މުއްދަތެއްގައި ޖަވާބެއް ލިބޭނެ ގޮތް ހައްދަވައިދެއްވުމަށް ހައިތަމް ވަނީ އެދިވަޑައިގެންފައެވެ.
މީގެ ކުރިން ސަރުކާރުން ބުނެފައިވަނީ ރާއްޖެއަށް 200 ވެންޓިލޭޓަރު ހަމަކުރުމަށް މަސައްކަތްކުރާ ކަމަށާއި އެ އަދަދު ހަމަކުރުމަށް 70 ވެންޓިލޭޓަރު ގެނައުމުގެ މަގުމަތީގައިވާ ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ހޮސްޕިޓަލުތަކުގެ ވެންޓިލޭޓަރުތަކާއެކު މިވަގުތު ރާއްޖޭގައި ހުރީ 97 ވެންޓިލޭޓަރު ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ.