އަލީ ޔާމިން
ވޯކް ވިސާ އަދި އެހެނިހެން ވިސާތަކުގައި ރާއްޖޭގައި އުޅެމުން އަންނަ މީހުންނަށް ސަރުކާރު ބަންދު ދުވަސްތަކުގައި ހިދުމަތްދޭނެ ގަޑިތައް މޯލްޑިވްސް އިމިގްރޭޝަނުން ކަނޑައަޅައިފިއެވެ.
އިމިގްރޭޝަނުން ބުނީ، އަންނަ އާދިއްތަ ދުވަހުން ފެށިގެން ވޯކް ވިސާ އަދި އެހެނިހެން ވިސާ ދޫކޮށްފައިވާ މީހުންހެ ވިސާ އާކޮށްދޭ ގަޑިތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އެގޮތުން ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ، ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އާންމުކޮށްފައިވާ ގޮތުގެ މަތިން އިޖުތިމާއީ ގައިދުރުކަން (physical distance) ބަހައްޓައިގެން ކަމަށާއި، ހިދުމަތް ހޯދަން އަންނަ މީހުން މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި މަސައްކަތްތައް ރޭވިފައިވާ ގޮތްތަކަށް ހުރުމަތްތެރިކޮށް ހިތުމަށްވެސް އިލްތިމާސް ކުރާ ކަމަށެވެ.
މީގެ އިތުރުން އިމިގްރޭޝަނުން ބުނީ ޓޫރިސްޓު ވިސާ އަދި ބިޒްނަސް ވިސާގައި ރާއްޖެ އެތެރެވެފައިވާ ފަރާތްތަކުގެ ތެރެއިން، ރާއްޖެއިން ބޭރަށް ކުރާ ދަތުރުތައް ގަވާއިދުން ފެށުމުން، ފުރައިގެންދިއުމަށް އެދޭ ފަރާތްތައް ވިސާ އާކުރުމަށް ހުށަހަޅާކަށް ނުޖެހޭނެ ކަމަށެވެ. އަދި އެ ފަރާތްތަކުން، IM34 ފޯމް (އެޕްލިކޭޝަން ފޯ އިމާޖެންސީ ޑިޕާޗާ) ފުރިހަމަ ކުރުމަށްފަހު، ފުރަން އެއާޕޯޓަށް ދިއުމުން ފުރޭނެ އިންތިޒާމު ހަމަޖެހިފައިވާނެ ކަމަށެވެ.
ނަމަވެސް 19 މާޗް 2020ގެ ކުރީގެ ތާރީހަކަށް ވިސާ ހަމަވެފައިވާ މީހުންނާއި، މިހާރު ދޫކުރެވިފައިވާ ވިސާގެ މުއްދަތު އިތުރުކުރުމަށް ބޭނުންވާ މީހުންނަށް ވީސާ އާކުރުމަށް އެދި ހުށަހަޅާ ފޯމާއި އެހެނިހެން ލިޔެކިއުންތައް [email protected] އަށް މެއިލްކުރުން އެދޭ ކަމަށާއި މިގޮތަށް މެއިލް ކުރާ މީހުންނަށް ވިސާ ޖެހުމަށް ޕާސްޕޯޓް ހުށަހެޅުމަށް އެޕޮއިންޓްމަންޓެއް ހަމަޖެއްސުމަށްފަހު، އެ މައުލޫމާތު މެއިލް މެދުވެރިކޮށް ފޮނުވޭނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
އިމިގްރޭޝަނުން ބުނީ އެ އިދާރާއިން ފޯރުކޮށްދެމުން އަންނަ ވޯކް ވިސާގެ ހިދުމަތްތަކާ ބެހޭ މައުލޫމާތު ހޯދުމަށް 9199153 ނަންބަރު ފޯނަށް ގުޅުން އެދޭ ކަމަށާއި، ވޯކް ވިސާ ނޫން އެހެނިހެން ވިސާތަކާ ބެހޭ މައުލޫމާތު ހޯދުމަށް 9199157 ނަންބަރު ފޯނަށް ގުޅުން އެދޭ ކަމަށެވެ.