ކޮވިޑް 19އާ ގުޅިގެން ރާއްޖޭގެ އިގުތިސާދަށް ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަތުމަށް ސަރުކާރުން އިއުލާނުކުރި އިގުތިސާދީ ޕެކޭޖަކީ އެއްވެސް އޮއްޓަރެއް ހުރި ޕެކޭޖެއް ނޫން ކަމަށް މާވަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ އިކޮނޮމިކް މިނިސްޓަރުކަންވެސް ކުރެއްވި ސައީދު ވިދާޅުވީ، އިގުތިސާދީ ޕެކޭޖުގެ ގޮތުގައި ސަރުކާރުން އިއުލާނުކުރި 2.5 ބިލިއަން ރުފިޔާއަކީ ކިހިނެއް ހޯދާ ފައިސާއެއް ކަން މިހާތަނަށްވެސް ސަރުކާރަށް ބުނެދެވިފައި ނުވާ ކަމަށެވެ.
"އަޅުގަނޑު ގަބޫލެއް ނުކުރަން މާ އެކަށީގެންވާ، އޮއްޓަރެއް ހުރި ޕެކޭޖެއް ކަމަށް އެއީ. އަދި އަދަށް ދާންދެން ވެސް ސަރުކާރަށް ވިދާޅެއް ނުވެވޭ ކިހިނެއް ކަން 2.5 ބިލިއަން ރުފިޔާ ހޯއްދަވާނީ،" ސައީދު ވިދާޅުވިއެވެ.
ސައީދު ވަނީ، ރިސޯޓުތަކާއި ބޮޑެތި ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބީއެމްއެލް އަދި އެސްޑީއެފްސީ މެދުވެރިކޮށް ހުޅުވާލައިފައިވާ ލޯނުގެ ފުރުސަތަށްވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ސައީދު ވިދާޅުވީ ރިސޯޓަކަށް ފަސް ލައްކައެއްހާ ޑޮލަރު ލިބިގެން އެމީހުންނަށް އެއްމަސް ދުވަހުގެ ހަރަދުވެސް ބަހަލައްޓާ ނުލެވޭނެ ކަމަށެވެ.
ކޮވިޑް 19އާ ގުޅިގެން ގެއްލުންވެފައިވާ އަމިއްލަ ކުންފުނިތަކަށް ސަރުކާރުން ދޫކުރާ 2.5 ބިލިއަން ރުފިޔާގެ ސްޓިމިއުލަސް ޕެކޭޖުގެ ތެރެއިން އެކި ދާއިރާތަކުން ފައިސާ ދޫކުރަން މިހާރު ވަނީ ފަށައިފައެވެ. އެގޮތުން އެސްޑީއެފްސީ މެދުވެރިކޮށް އަމިއްލަ މަސައްކަތްކުރާ މީހުންނަށް ދޫކުރާ ލޯނުގައި ގިނަވެގެން ދެނީ 18،000 ރުފިޔާއެވެ. ކުދި ވިޔަފާރިތަކަށް ލޯނުގެ ގޮތުގައި ދޫކުރަން ނިންމާފައިވަނީ ގިނަވެގެން 500،000 ރުފިޔާއެވެ.