ޚަބަރު

ބެންކޮކުން 12 ޓަނުގެ ކާގޯ ހިފައިގެން މޯލްޑިވިއަންގެ ފުލައިޓު ރާއްޖެ އަތުވެއްޖެ

ތައިލެންޑުގެ ބެންކޮކުން 12 ޓަނުގެ ކާގޯ ހިފައިގެން ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފުލައިޓު ރާއްޖެ އަތުވެއްޖެއެވެ.

މޯލްޑިވިއަނުން ބުނީ 11323.3 ކިލޯ (12.5 ޓަނު)ގެ ކާގޯ ހިފައިގެން އެ އެއާލައިނުގެ ފުލައިޓު ރޭ ރާއްޖެ އައިސްފައިވާ ކަމަށެވެ.

ކޮވިޑް 19އާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ވަނީ ބަންދުކޮށްފައެވެ. އަދި ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކުރާ ބައެއް ގައުމުތައް މިހާރު އޮތީ ލޮކްޑައުންގައެވެ. އެހެންކަމުން ރާއްޖެއަށް މުދާ އެތެރެކުރުމުގައި ވަނީ ދަތިތަކާ ކުރިމަތިވެފައެވެ.

މުދާ އެތެރެކުރުމަށް ހުރި ދަތިތައް ނައްތާލުމަށް މޯލްޑިވިއަނުން ވަނީ ޗާޓަރު ކާގޯ ފްލައިޓުތައް ބާއްވަން ފަށައިފައެވެ. މީގެ ކުރިން ވެސް މޯލްޑިވިއަނުން ވަނީ ތައިލެންޑުން ދިހަ ޓަނުގެ ކާގޯ ގެނެސްފައެވެ. އޭގެ އިތުރުން އިންޑިއާގެ ޓްރިވެންޑްރަމާއި ޗެންނާއީ އަދި ދުބާއީ އިން ކާގޯ ގެނައުމަށް ވެސް ވަނީ ޗާޓަރު ދަތުރުތަކެއް ކޮށްފައެވެ.