ކޮވިޑް 19ގެ ފުރަތަމަ އަސަރުކުރީ ރާއްޖޭގެ އިގުތިސާދަށް ކަމަށާއި އިންޑިއާއަކީ އެކުވެރިކަމުގެ މިސާލެއް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
"ޑީޑީ އިންޑިއާ" ޗެނެލަށް ޝާހިދު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މުޖުތަމައު ތެރޭގައި އަދި ބަލި ނުފެތުރޭ ކަމަށާއި ބަލި ފެތުރުމުގެ ކުރިން ދިވެހި ސަރުކާރުން ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. އަދި ރާއްޖެއިން ބަލި ފެނިފައިވަނީ ގައުމުން ބޭރުން އައި މީހުންގެ ފަރާތުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
"ރާއްޖޭގެ އިގުތިސާދަށް ވަނީ ވަރަށް ބޮޑު ގެއްލުމެއް ލިބިފައި. ރާއްޖޭގައި ކޮވިޑުން ފުރަތަމަ އަސަރުކުރީ އިގުތިސާދަށް. މިވަގުތު ރާއްޖެއަށް ފަތުރުވެރިން އައުން ވަނީ މަނާކޮށްފައި. ފަތުރުވެރިކަމުގެ ދާއިރާ އާއި މަސްވެރިކަމުގެ ދާއިރާއަށް ވަނީ ވަރަށް ބޮޑު ހީނަރުކަމެއް އައިސްފައި. އަދި އެކަމުގެ ސަބަބުން މުޅި އިގުތިސާދަށް ވަނީ ބޮޑު ގެއްލުމެއް ލިބިފައި. މި ދަނޑިވަޅުގައި ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭ ހުރިހާ ގައުމަކަށް ޝުކުރު އަދާކުރަން. އިންޑިއާއަކީ އެކުވެރިކަމުގެ މިސާލެއް،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ޝާހިދު ވިދާޅުވީ އިންޑިއާ އިން ވަނީ ހޫބޭ ޕްރޮވިންސުން ދިވެހި ދަރިވަރުން އެގައުމަށް ގެންގޮސް، ދިއްލީގައި ހޭދަކުރި ކަރަންޓީނު މުއްދަތުގައި އެ ދަރިވަރުންނަށް ވަރަށް ހެޔޮކޮށް ކަންތައްތައް ކޮށްދީފައި ކަމަށާއި އެއަށްފަހު އިންޑިއާ އިން އެ ދަރިވަރުން ރާއްޖެއަށް ގެނެސްދީފައިވާ ކަމަށެވެ.
"އިންޑިއާ އިން ވަނީ ފަސް ޓަނަށްވުރެ ގިނަ ބޭސް ފޯރުކޮށްދީފައި. އިންޑިއާ އިން ވަނީ އެގައުމުގައި ސިއްހީ ދާއިރާއިން ތައުލީމު ހާސިލުކުރާ ދިވެހި ދަރިވަރުން ރާއްޖެއަށް ގެނައުމުގައި އެހީތެރިކަން ފޯރުކޮށްދީފައި،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ޝާހިދު އިތުރަށް ވިދާޅުވީ ރާއްޖޭގައި ވަކިވަކި ރަށްތަކެއް ހިމެނޭތީ، އެއީ ވަރަށް ބޮޑު ނަސީބެއް ކަމަށާއި ކަރަންޓީނު ފެސިލިޓީތަކަކީ ވަކިވަކި ރަށްތައް ކަމަށެވެ.