އައްޑޫ ސިޓީ މަރަދޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމުކޮށްލައިފިއެވެ.
ފުލުހުން ބުނީ ރޭ 8:16 ހާއިރު މަރަދޫ މުދިންގެ މަގުން ދެ ސައިކަލެއްގައި އައި ހަތަރު މީހަކު ތޫނު އެއްޗަކުން ހަމަލާދީ ފިރިހެނަކު ޒަހަމުކޮށްލި މައްސަލައެއް ހުށަހެޅިފައިވާ ކަމަށެވެ.
އެ ހަމަލާގައި ޒަހަމުވެފައިވަނީ 36 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާގެ ބުރަކަށިން ފަސް އިންޗި ވަރު ތިލަކޮށް ކަފައިގެން ގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި އޭނާއަށް މަރަދޫ ސިއްހީ މަރުކަޒުގައި ފަރުވާދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.