ޚަބަރު

ބެލެނިވެރިންނަށް މިނިސްޓަރު: ކުދިން ގޭގައި ފިލާވަޅުތައް ހަދައިތޯ ބައްލަވައި އިންޓަނެޓް ބޭނުންކުރާއިރު ސަމާލުވެލައްވާ!

ކޮވިޑް 19އާ ގުޅިގެން ސުކޫލްތައް ބަންދުކޮށްފައިވާތީ ދަރިވަރުންގެ ފިލާވަޅުތައް އިންޓަނެޓާއި ޓީވީ މެދުވެރިކޮށް ގެނެސްދޭއިރު ކުދިން އެ ފިލާވަޅުތައް ނަގައިތޯ ބެލެނިވެރީން ބެލުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ އިލްތިމާސް ކުރައްވައިފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އާއިޝާ ވަނީ މިވަގުތު މިތިބީ ކުރިން ހިތަށްވެސް ނާރާފަދަ ހާލަތެއްގައިކަމުން، ދަރިވަރުންނަށް ފިލާވަޅުތައް ދޭއިރުވެސް ބަލަނީ ބެލެނިވެރިންނަށް ބުރައަކަށް ނުވާ ގޮތަށް، ދަރިވަރުން އެކަނި އެކަންކަން ކުރެވޭނެ ގޮތަށް ކަމަށެވެ.

ނަމަވެސް ދަރިވަރުން އެ ފިލާވަޅުތައް ނަގައިތޯ ބަލައި ހެދުމަށް މިނިސްޓަރު އެދިވަޑައިގަތެވެ. އަދި ބެލެނިވެރިން ބަލަންވީ ކަންކަމާއި ސަމާލުކަންދޭންވީ ކަންކަން ބުނެދޭ ގައިޑެއް އެޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ވިދާޅުވިއެވެ.

"ދަރިވަރުން ފިލާވަޅުތައް ނަގާތޯ ޓީވީ ބަލާތޯ އެކަންކަން ބެލެނިވެރިން މޮނީޓާ ކޮށްދެއްވުން އަދި އިންޓަނެޓް ކަހަލަ ތަކެތި ބޭނުންކުރާއިރު އޭގެން ދިމާވެދާނެ ނޭދެވޭ ކަންތައްތަކަށް ބެލެނިވެރިން ސަމާލުވެލެއްވުމަށް ވަރަށް ބޮޑަށް އިލްތިމާސް ކުރަން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ގޭގައި ތިބެގެން ދަރިވަރުން ކިޔަވަމުން އަންނައިރު އެކުދިން ފިލާވަޅުތައް ބަލައިތޯ ބަލައި މޮނީޓާ ކުރެވޭނެ ނިޒާމެއް ގާއިމްކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ބެލެނިވެރިން މިތިބެނީ ދަރިވަރުން ގޭގަ ތިބެގެން ކިޔަވާއިރު އެކުދިންގެ ކިޔެވުން ބަލަން. އެކަމަކު ހަރުދަނާ ނިޒާމެއްގެ ދަށުން އަސްލު ލާނިން އޮކާވޭތޯ ބެލުމަށްޓަކައި މޮނިޓަރިންގެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތްތައް މިހާރު ކުރެވެމުން އެބަދޭ،" މިނިސްޓަރު ވިދާޅުވިއެވެ.