މިންހާ ފާއިޒް ރަޝާދު
އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން އިންޓެންސިވް ކެއާ (އައިސީޔޫ) އިން ވޯޑަށް ބަދަލު ކޮށްފިއެވެ.
އިއްޔެ ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބޮޑުވަޒީރުގެ ހާލުކޮޅު އަންނަނީ ރަނގަޅުވަމުން ކަމަށެވެ. އަދި ވޯޑުގައި އޮންނެވީ އިތުރަށް މޮނިޓާ ކުރެއްވުމަށް ކަމަށްވެސް އެބަޔާނުގައި ވެއެވެ.
އުމުރުން 55 އަހަރުފުޅުގެ ބޮރިސް ހޮސްޕިޓަލުގައި އެނދުމަތިކޮށްފައިވަނީ މިމަހު ހަވަނަ ދުވަހުއެވެ. އަދި ހަތް ވަނަ ދުވަހު ހާލުކޮޅު އިތުރަށް ސީރިއަސްވެ އައިސީޔޫއަށް ބަދަލުކުރެވުނެވެ.
ކޮވިޑަށް ޕޮޒިޓިވް ވުމަށްފަހު ވެސް ބޮރިސް ވަނީ ގޭގައި ހުންނަވައިގެން ވީޑިއޯ ކޯލު މެދުވެރިކުރައްވައި ގައުމު ހިންގެވުމުގެ މަސައްކަތްޕުޅު ކުރައްވައިފައެވެ. އޭގެ ދިހަ ދުވަސް ފަހުން ބަލީގެ އަލާމާތްތައް މާބޮޑަށް ފެންނާތީ ލަންޑަންގެ އެސްޓީ ތޯމަސް ހޮސްޕިޓަލުގައި އެނދުމަތިކުރީއެވެ.
ވަގުތީ ގޮތުން އިނގިރޭސިވިލާތް ހިންގަވަން ހަވާލުވެވަޑައިގެން ހުންނެވި އެގައުމުގެ ފޮރިން ސެކްރެޓަރީ ޑޮމިނިކް ރާބް ވިދާޅުވީ، ބޮރިސްއަށް ވެންޓިލޭޝަން ބޭނުން ކުރައްވަން ޖެހިވަޑައިނުގެންނެވި ކަމަށާއި ނިއުމޯނިއާވެސް ނެތް ކަމަށެވެ.