ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކުރުމާ މެދު ކުރިއަށްއޮތް ދެ ދުވަހެއް ތެރޭ ގޮތެއް ނިންމޭނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ކޮވިޑް 19އާ ގުޅޭގޮތުން މައުލޫމާތުދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަމީން ވިދާޅުވީ މިދިޔަ މަހުގެ 12 ވަނަ ދުވަހު އިއުލާނުކުރި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކުރުމާ މެދު ގޮތެއް ނިންމުމަށް މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު މިދިޔަ މަހުގެ 12ގައި އިއުލާން ކުރިން. އިތުރުކުރާނީތޯ ނޫންތޯ، އޭގެ މަޝްވަރާތައް މިހާރުވެސް ކުރަމުން މިގެންދަނީ. ކުރިއަށްއޮތް ދެ ދުވަހު އަޅުގަނޑުމެން ކުރާ މަސައްކަތުން އެނގޭނީ އިތުރުކުރާނީތޯ، ނޫންތޯ. 12 ވަނަ ދުވަހުގެ ކުރިން އަޅުގަނޑުމެން އޭގައި ނިންމުމެއް ނިންމާނަން ކިހިނަކުންތޯ ދެން ކުރިއަށްދެވޭނީ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އަމީން ވިދާޅުވީ މުޖުތަމައުގެ ތެރޭގައި ކޮވިޑް 19 ފެތުރިއްޖެ ނަމަ، އެކަން އަންނާނީ ކޮން ހިސާބަކުންތޯ އާއި މިހާރު ތިބި ހިސާބުން ހާލަތު ދެން ބަދަލުވާނީ ކިހިނަކުންތޯ ބަލަމުން އަންނަ ކަމަށެވެ. އަދި މުޖުތުމައުގެ ތެރޭގައު ބަލި ފެތުރިފައިވޭތޯ ބެލުމަށް ސާމްޕަލްތައް ނަގައި ޓެސްޓުކުރުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
"އެހެންވީމާ އޭގެ ނަތީޖާއިން ވެސް އަޅުގަނޑުމެންނަށް އެނގޭނެ ރާއްޖޭގެ ހާލަތު މިހާރު މިއޮތީ ކިހިނަކުންތޯ. އަދި ރާއްޖެއަށް ފަތުރުވެރިން އައުން މަޑުޖައްސާލި ފަހުން 14 ދުވަސް ވަރަށް އަވަހަށް ހަމަވެގެންދާނެ. އެހެންވީމާ މިކަންތައްތަކުގެ މައްޗަށް ބިނާކޮށް އަޅުގަނޑުމެންނަށް އެއްޗެއް ދަންނަވަން އެނގޭނީ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އަމީން އިތުރަށް ވިދާޅުވީ ސްކޫލުތަކާއި ރެސްޓޯރަންޓުތަކާއި ކެޕޭތައް ބަންދުކުރުމުގެ އިތުރުން ވެސް ފިޔަވަޅުތަކެއް އެޅިފައިވާ ކަމަށާއި އެ ފިޔަވަޅުތައް ދޫކޮށްލެވޭނީ ކޮންމެވެސް ތަރުތީބެއްގެ މަތިން ކަމަށެވެ.