ރާއްޖޭގެ މުޖުތަމައު ތެރޭ ކޮވިޑް 19 އޮތްތޯ ބެލުމަށް ޓެސްޓުތައް ހެދުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ކޮވިޑް 19އާ ގުޅޭގޮތުން މައުލޫމާތުދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު އަމީން ވިދާޅުވީ މުޖުތަމައު ތެރޭގައި ބަލި ފެތުރުމުގެ ފުރުސަތު އޮތް މިންވަރާއި ބަލި ފެތުރޭނަމަ އެކަން އަންނާނީ ކޮން ހިސާބަކުންތޯ ބެލުމަށް ދިރާސާތަކެއް ކުރަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެންގެ ތެރޭގައި މަޝްވަރާގެ އިތުރަށް ދިރާސާތައް ވެސް ކުރަން، އަޅުގަނޑުމެންގެ ތެރޭ ކޮމިއުނިޓީ ސްޕްރެޑެއް އަންނަ ކަމަށްވާނަމަ، އަންނާނީ ކޮން ހިސާބަކުންތޯ. މިހާރު އަޅުގަނޑުމެން މިތިބި ހިސާބުން ހާލަތު ދެން ބަދަލުވާނީ ކިހިނަކުންތޯ. އޭގެ އިތުރަށް މަސައްކަތަށް ކުރަމުން އެބަދޭ ކޮމިއުނިޓީ ސްޕްރެޑެއް އޮތްކަން ނެތްކަން ދެނެގަތުމަށްޓަކައި އަޅުގަނޑުމެން ސާމްޕަލްތައް ނަގައި ޓެސްޓުކުރުމުގެ މަސައްކަތް ވެސް މިއަދު ފަށައިފިން،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އަމީން ވިދާޅުވީ އެ ދިރާސާގެ ނަތީޖާއިން ރާއްޖޭގެ ހާލަތު މިހާރު މިއޮތީ ކިހިނެއްކަން އެނގިގެންދާނެ ކަމަށެވެ. އަދި މިދިޔަ މަހުގެ 12 ވަނަ ދުވަހު އިއުލާންކުރި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކުރުމާ މެދު ވެސް ދެ ދުވަހެއް ތެރޭ ގޮތެއް ނިންމާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ،