ރާއްޖޭގައި މުޖުތަމައު ތެރެއަށް ކޮވިޑް 19 ފެތުރިއްޖެނަމަ މީހުންތަކެއް މަރުވެގެން ދިއުމުގެ ފުރުސަތު ބޮޑު ކަމަށް ޑރ. އަލީ ލަތީފް ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. ލަތީފް ވިދާޅުވީ، ކޮވިޑް 19 ރާއްޖޭގައި ފެތުރިއްޖެނަމަ މީހުންތަކެއް މަރުވެގެން ދިއުމުގެ ފުރުސަތު ބޮޑު ކަމަށާއި އެހެންކަމުން ކޮވިޑް 19އިން ރައްކާތެރިވުމަށް ސަރުކާރުން އަޅައިފައިވާ ފިޔަވަޅުތަކަށް ކަމޭ ހިތުމަކީ މުހިންމު ކަމެއް ކަމަށެވެ.
"ބަރާބަރަށް ނަގަން ޖެހޭ ފިޔަވަޅުތައް ނުނެގި، ލޯކަލް ސްޕްރެޑްއެއް އައިސްފިނަމަ، ކިތަންމެ ވަރަކަށް ތައްޔާރުވިޔަސް، ކޮންމެވެސް ވަރަކަށް މީހުން މަރުވެގެންދާނެ،" ޑރ. އަލީ ލަތީފް ވިދާޅުވި އެވެ.
މީގެ އިތުރުން ޑރ. ލަތީފް ވިދާޅުވީ، ބަލި ފެތުރުނަ ނުދިނުމަށްޓަކައި ރާއްޖޭގައި މިހާރު ވަރުގަދަ ފިޔަވަޅުތަކެއް އަޅަނީ މި ބަލި ފެތުރުމަކީ ބޮޑު ބިރުވެރިކަމަކަށް ވާތީ ކަމަށެވެ.
"މީގެ ތިން، ހަތަރު މަސް ކުރިން ހިތަށް ވެސް ނާރާނެ މި ހުރިހާ ރިސޯޓުތަކެއް ބަންދުކޮށްފައި، ޓޫރިޒަމަށް ވެސް މިހާބޮޑު ގެއްލުމެއް ވެދާނެ ކަމަކަށް. މިވަރަށް މީހުން ކަރަންޓީނުކޮށްގެން މި ހުރިހާ ކަމެއް ކުރަން ޖެހެނީ ކަމުގެ ބިރުވެރިކަން އަދި ކުރަން ޖެހޭ ވަރަށް ކަންތައް ނުކުރެވިއްޖެނަމަ މި ކުޑަ އާބާދީގެ ގިނަ ބަޔަކު ނިޔާވެދާނެތީ،" ޑރ. އަލީ ލަތީފް ވިދާޅުވި އެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން 1.4 މިލިއަން މީހުންނަށް ކޮވިޑް 19 ޖެހިފައިވާއިރު އެ ބަލީގައި 80،000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.