ޚަބަރު

ރާއްޖޭގައި ކޮވިޑް 19 ނެތް ކަމަށް ބެލުމަކީ ވަރަށް ބޮޑު ގޯހެއް: ހެލްތު މިނިސްޓަރު

ރާއްޖޭގައި މިހާރު ކޮވިޑް 19 ނެތް ކަމަށް ބެލުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ކޮވިޑް 19އާ ގުޅޭގޮތުން މައުލޫމާތުދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު އަމީން ވިދާޅުވީ ސަރުކާރުން މަސައްކަތްކުރަނީ ވެސް ރާއްޖޭގައި ބަލި ޖެހިފައިވާ މީހުންތަކެއް ހުރެދާނެ ކަމަށް ބަލައިގެން ކަމަށެވެ.

"ރާއްޖޭގައި ޕޮޒިޓިވް ކޭސްތައް ނުފެނުނު ކަމުގައިވީ ނަމަވެސް، އަލާމާތްތައް ހުންނަ ފަރާތްތައް ކޮންމެ ދުވަހަކު ފެނިގެންނުދިޔަ ކަމުގައިވީ ނަމަވެސް، އަދި އަޅުގަނޑުމެންގެ އަތުގައި ހުރި މައުލޫމާތަށް ބަލާ އިރުގައި ރާއްޖޭގައި ކޮވިޑް 19 ނެތް ކަމަށް ބެލުމަކީ ވަރަށް ބޮޑު ގޯހެއް. އެހެންވީމާ އަޅުގަނޑުމެން ރާއްޖޭގައި ކޮވިޑް 19، މީގެ ފަރާތްތައް ތިބެދާނެ ކަމުގެ އެސަމްޕްޝަނުގައި އަޅުގަނޑުމެން މަސައްކަތްކުރަނީ. އަދި އަޅުގަނޑުމެން ކޮންމެ ދުވަހަކު ހަދާ ދިރާސާތަކާއި އެއްކުރާ މައުލޫމާތަށް ބަލާއިރު އަދި ރާއްޖޭގައި ނެތޭ ބުނަން އުނދަގޫ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީން ވިދާޅުވީ ނުރަނގަޅު ހަބަރެއް، ނުރައްކާތެރިކަމުގެ ވާހަކަ، ނުރައްކާތެރި ހާދިސާއެއް ބައްދަލުކުރުމުގެ ކުރިން ނުވަތަ ބައްދަލުކުރާތާ ގިނަ ދުވަސްވީމަ ކަން ފަސޭހަކުރެވިގެންދާ ކަމަށާއި އަދިވެސް ހާލަތު ރަނގަޅު ކަމަށް ނިންމަން އަވަސް ކަމަށެވެ.

"އެހެންނަމަވެސް އަޅުގަނޑުމެން ރާއްޖެއަށް ފަތުރުވެރިން އައުން މަޑުޖައްސާލައި، އަދ އަޅުގަނޑުމެން އެތެރޭގެ މޫވްމަންޓްސް އާއި ރާއްޖޭގެ ކަންކަމަށް ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން އަޅުގަނޑުމެން ކުރިން ލަފާކުރިހާ އަވަހަށް ރާއްޖޭގައި ފެތުރިގެންނެއް ނުދޭ. އަދި ރާއްޖޭގައި ޕޮޒިޓިވް ކޭސްތައް މިދިމާވީ އިއްތިފާގުން ރާއްޖެއިން ބޭރުން އައި ފަރާތްތަކުގެ ފަރާތުން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީން އިތުރަށް ވިދާޅުވީ ޕޮޒިޓިވްވި މީހުންގެ ފަރާތުން މުޖުތަމައު ތެރެއަށް ބަލި ފެތުރިގެންދިޔަ ކަމުގެ ސާބިތު ނިޝާންތަކެއް މިހާ ހިސާބަށް ފެންނަން ނެތް ކަމަށާއި އެހެންކަމުން އަދި ބަލި ކޮންޓްރޯލްކުރެވިފައިވާ ކަމަށެވެ.