މިހާތަނަށް 70 އަށްވުރެ ގިނަ ހެލްތު ޕްރޮފެޝަނަލުން ވަނީ ރާއްޖެ ގެނެވިފައި ކަމަށާއި އެބޭފުޅުން ހިދުމަތަށް ނުކުންނަވާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ކޮވިޑް 19އާ ގުޅޭގޮތުން މައުލޫމާތުދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަމީން ވިދާޅުވީ ރާއްޖޭން ބޭރުގެ އެކި ތަންތަނުގައި ތައުލީމު ހާސިލުކުރަމުން އަންނަ ދިވެހި ދަރިވަރުންނާއި މަތީ ތައުލީމަށް ގޮސް ތިބި ދިވެހި ދަރިވަރުންގެ ތެރެއިން 70 އަށްވުރެ ގިނަ ދަރިވަރުން ރާއްޖެ ގެނެވިފައިވާ ކަމަށެވެ.
"ބައެއް ބޭފުޅުން ކަރަންޓީނުގެ މުއްދަތު ހަމަކުރައްވާފައި ވެސް އެބަތިއްބެވި. މި ހުރިހާ ބޭފުޅުންވެސް އިރާދަކުރެއްވިއްޔާ ހިދުމަތަށް ނުކުންނަވާނެ. އަޅުގަނޑުމެން އެކަމަށްޓަކައި ވަރަށް ފަހުރުވެރިވޭ. އެބޭފުޅުންގެ ހިދުމަތް އަޅުގަނޑުމެން ބަލައިގަންނާނަން،" މިނިސްޓަރު ވިދާޅުވިއެވެ.
އަމީން ވިދާޅުވީ އޭގެ އިތުރަށް ވެސް ރާއްޖެއިން ބޭރުގެ އެކި ގައުމުތަކުގައި ސިއްހީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރަން ނުވަތަ ތައުލީމު ހާސިލުކުރަން މަސައްކަތްކުރައްވާ ދަރިވަރުންގެ ތެރެއިން ރާއްޖެއަށް އަންނަން ބޭނުންވާ ދަރިވަރުން އެބަތިބި ކަމަށާއި އެ ދަރިވަރުން ގެނައުމަށްޓަކައި ސަރުކާރުން މިހާރުވެސް މަސައްކަތްކުރާ ކަމަށެވެ. ނަމަވެސް ވަރަށް ގިނަ ގައުމުތަކުގައި، އެގައުމުތަކުގެ އެތެރޭގައި އަޅާފައިވާ ފިޔަވަޅުތަކާއި އެއް ގައުމުން އަނެއް ގައުމަށް ދަތުރުފަތުރުކުރުމަށް ހުރި ގޮންޖެހުންތަކުގެ ސަބަބުން އެކަމަށް ހުރަސްތަކެއް ހުރި ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖެއިން ބޭރުގައި ސިއްހީ ދާއިރާއިން ތައުލީމު ހާސިލުކުރާ ދަރިވަރުންގެ ތެރެއިން ރާއްޖެ އައިސް، ކޮވިޑް 19އާ ދެކޮޅަށް ކުރާ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ދަރިވަރުން ރަޖިސްޓަރީވުމަށް މީގެ ކުރިން ފޮރިން މިނިސްޓްރީން ވަނީ ހުޅުވާލައިފައެވެ.