މި ހާލަތުގައި ޓީވީ އާއި އިންޓަނެޓް ނުލިބޭ ކުދިންނަށް ފިލާވަޅުތައް ފޯރުކޮށްދޭނީ ކަރުދާހުގައި ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.
ކޮވިޑް 19އާ ގުޅޭގޮތުން މައުލޫމާތުދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ކޮވިޑް 19އާ ގުޅިގެން ސުކޫލްތައް ބަންދުކުރަން ޖެހުމާއެކު ޓީވީ އާއި އިންޓަނެޓްގެ ވަސީލަތްތައް މެދުވެރިކޮށް ދަރިވަރުންނަށް ފިލާވަޅުތައް ފޯރުކޮށްދޭން ސަރުކާރުން ނިންމީ ބަލިމަޑުކަން އުޅޭ ހުރިހާ ގައުމެއްގައި އަމަލުކުރާ ގޮތް ބަލައި އެކަމުގެ ތަޖުރިބާއިން އިބުރަތްތަކެއް ހާސިލުކޮށްގެން ކަމަށެވެ.
އެ މަސައްކަތުގެ ދަށުން ފުރަތަމަ މަސައްކަތްކުރީ ބައިނަލްއަގްވާމީ އިމްތިހާނުތަކުގައި ބައިވެރިވާ ދަރިވަރުންނަށް ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ކަމަށާއި އަދި އެއާއެކު ފިލާވަޅާ ގުޅިގެން ދަރިވަރުންގެ ހުރި ސުވާލުތަކަށް ޖަވާބު ދިނުމަށް ގޫގުލް ކުލާސް މެދުވެރިކޮށް ދަރިވަރާއި އެދަރިވަރުގެ ޓީޗަރާ ބައްދަލުވެ ވާހަކަ ދެއްކޭނެ އިންތިޒާމުތަކެއް ވެސް ހަމަޖައްސާފައިވާ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ބެލިން ކޮންކަހަލަ ވަސީލަތްތަކެއްތޯ ދަރިވަރުންގެ އަތުގައި މިހާރު ހުރީ. ކިހިނެތްތޯ މި ފިލާވަޅުތައް ފޯރުކޮށްދެވޭނީ. އެގޮތުން ސާވޭއެއް ހެދިން ކޮން ކުދިންނަކަށްތޯ ޓީވީ އަށް އެކްސެސްވަނީ. ކޮން ކުދިންނަކަށްތޯ އިންޓަނެޓަށް އެކްސެސްވަނީ. އެ ސާވޭ ހަދާފަ އޭގެ ރިސަލްޓަށް ބަލާފައި އެކަންކަން ވެސް ނެތް ކުދިންނަށް ތިން ވަނަ ޕްލޭނަކަށް ވެސް ދިޔައިން. އެއީ ޕޭޕާ ބޭސްޑުކޮށް ވެސް ފިލާވަޅުތައް ފޯރުކޮށްދިނުމަށް،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ޑރ. އާއިޝަތު އިތުރަށް ވިދާޅުވީ، އަންނަ ހަފްތާގައި ގްރޭޑް އެކަކުން އަށަކާއި ދެމެދުގެ ގުރޭޑްތަކަށް ވެސް ޓީވީ ޗެނަލްތައް މެދުވެރިކޮށް ކިޔަވައިދޭއިރު ފައުންޑޭޝަންގައި ހިމެނޭ އެލްކޭޖީ އަދި ޔޫކޭޖީގެ ދަރިވަރުންނަށް ލާނިން ޕެކްތަކެއް ހަދާފައިވާ ކަމަށެވެ.
އެ ލާނިން ޕެކްތަކަކީ ފިލާވަޅުތަކެއް ނޫން ކަމަށާއި ނަމަވެސް މިދުވަސްވަރު ދަރިވަރުން މަޝްއޫލު ކޮށްގެން ގެންގުޅުމަށް ދަރިވަރުންނާއި ބެލެނިވެރިންނާ އެއްކޮށް ގޭގައި ކުރެވިދާނެ ކަންތައްތަކެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ގޭގައި ތިބެގެން ދަރިވަރުން ކިޔަވަމުންދާއިރު އެކުދިން ފިލާވަޅުތައް ބަލައި ހަދައިތޯ ބަލައި މޮނީޓާ ކުރެވޭނެ ނިޒާމެއް ގާއިމްކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
"ބެލެނިވެރިން މިތިބެނީ ދަރިވަރުން ގޭގަ ތިބެގެން ކިޔަވާއިރު އެކުދިންގެ ކިޔެވުން ބަލަން. އެކަމަކު ހަރުދަނާ ނިޒާމެއްގެ ދަށުން އަސްލު ލާނިން އޮކާވޭތޯ ބެލުމަށްޓަކައި މޮނިޓަރިންގެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތްތައް މިހާރު ކުރެވެމުން އެބަދޭ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އާއިޝަތު އަލީ އިތުރަށް ވިދާޅުވީ، މިބަލިމަޑުކަމުން ފަސޭހަވެ ސުކޫލްތައް ހުޅުވޭނެ ދުވަހަކަށް ވެސް ތައްޔާރުވަމުން އަންނަ ކަމަށެވެ.
އެގޮތުން ސުކޫލްތަކުގައި އަތް ދޮވެވޭނެ ވަސީލަތްތައް މިހާރު ގާއިމްކޮށްފައިވާއިރު ޔުނިސެފްގެ އެހީތެރިކަމާއެކު ކޮންމެ ކުލާސްރޫމަކަށް ސައިބޯނި ހޯދައި، ސުކޫލްތަކަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.