ޚަބަރު

ފާއިތުވި 14 ދުވަސް ތެރޭ އާ ފަތުރުވެރިޔަކު ނައިސް، އަލާމާތެއް ނެތް ރިސޯޓުތަކުން މުވައްޒަފުންނަށް ފޭބޭނެ

1

ފާއިތުވި 14 ދުވަސް ތެރޭ އާ ފަތުރުވެރިޔަކު ނައިސް، ކޮވިޑް 19ގެ އަލާމާތެއް ނެތް ރިސޯޓުތަކުން މުވައްޒަފުންނަށް ފޭބޭނެ ކަމަށް ޑރ. އަލީ ލަތީފު ވިދާޅުވެއްޖެއެވެ.

ކޮވިޑް 19ގެ މައުލޫމާތުދިނުމަށް މިރޭ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ލަތީފު ވިދާޅުވީ، ކޮވިޑް 19ގެ އިންކިއުބޭޝަން ޕީރިއަޑް (ކޮވިޑް އެމީހެއްގެ ހަށިގަނޑަށް ވަދެފައި ދެން އޭގެ އަލާމާތްތައް ފެންނަ ދުވަސްތައް)ގެ ގޮތުގައި ބަލަނީ ދެ ދުވަހާއި 14 ދުވަސް ކަމަށާއި 14 ދުވަސް ތެރޭގައި އެއްވެސް ކަހަލައިގެ އަލާމާތެއް ނުފެންނަ ނަމަ އެމީހަކީ ކޮވިޑް 19 ޖެހުމުގެ ފުރުސަތު ވަރަށް ކުޑަ މީހެއް ކަމަށެވެ.

ޑރ. ލަތީފް ވިދާޅުވީ، ކޮވިޑް 19އާ ގުޅިގެން ރިސޯޓުތަކުން މީހުން ފޭބުން ބަހާލެވިފައިވަނީ މައިގަނޑު ތިން ގްރޫޕަކަށް ކަމަށެވެ. އޭގެ ތެރެއިން ކޮވިޑް 19 ޖެހުނު މީހެއްވެސް އަދި އަލާމާތެއް ހުރި މީހަކުވެސް ފެނިފައިނުވާ ރިސޯޓެއްނަމަ އެ ރިސޯޓަކުން އެންމެ ފަހު ފަތުރުވެރިޔާ ފައިބާތާ 14 ދުވަސް ފަހުން މުވައްޒަފުންނަށް ފޭބޭނެ ކަމަށް ޑރ. ލަތީފް ވިދާޅުވިއެވެ.

"ފުރަތަމަ ގްރޫޕަކީ އަޅުގަނޑުމެން ހެދި ގަވައިދަކުން ރިސޯޓުތަކުގައި ތިބި މުވައްޒަފުންނަށް ރަށްރަށަށް ނުދެވޭ ގޮތަށް ހެދި ގްރޫޕް. އޭގެ މާނައަކީ އެ ރަށަކުން އެއްވެސް ކަހަލަގެ ކޭސްއެއްވެސް ނުފެނެއޭ އެއްވެސް ކަހަލަގެ ސިމްޕްޓަމެއްވެސް ނެތޭ އެހެންނަމަވެސް މި ގަވައިދާ ހެދި އެމީހުންނަށް ރިސޯޓުން އެހެން އެއްވެސް ތާކަށް ނުދެވޭ. އެ ބޭފުޅުންނަށް އަޅުގަނޑުމެން މި ނިންމަނީ 14 ދުވަސް ވަންދެން އެއްވެސް ކަހަލަގެ މައްސަލައެއް ނެތިއްޖިއްޔާ އެއީ ސޭފް ބައެކޭ ރިސޯޓުން ރަށަށް ދެވޭނެއޭ." ޑރ. ލަތީފް ވިދާޅުވިއެވެ.

މީގެ އިތުރުން ޕޮޒިޓިވް ކޭހެއް ނެތް އެހެން ނަމަވެސް ކޮންމެވެސް ވަރަކަށް ސިމްޕްޓަމްސް ފެނިފައިވާ ރިސޯޓުތަކުގެ މުވައްޒަފުންނަށްވެސް އެންމެ ފަހު ފަތުރުވެރިޔާ އައިތާ 14 ދުވަސް ހަމަވުމާއެކު ސިމްޕްޓަމްސް ފެނުނު މީހުން ބައްޔަށް ނެގެޓިވްވުމުން ރިސޯޓުން ފޭބޭނެ ކަމަށް ޑރ. ލަތީފް ވިދާޅުވިއެވެ. ނަމަވެސް ކޮވިޑަށް ޕޮޒިޓިވް ކޭހެއް ފެނި ކޮންމެވެސް ވަރަކަށް ބަލި ފެތުރުފައިވާ ރިސޯޓުތަކުގެ މުވައްޒަފުންނަށް އެ ރިސޯޓުން ފޭބޭނީ އެންމެ ފަހުން ޕޮޒިޓިވްވި މީހާ ފެނުނުތާ 28 ދުވަސް ފަހުން ސްކްރީން ކުރުމަށް ފަހު ނެގެޓިވްވުމުން ކަމަށް ޑރ. ލަތީފު ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟