ކޮވިޑް 19 ޕޮޒިޓިވްވާ މީހަކު ފެންނަ ރިސޯޓުން މީހުން ފޭބުމުގެ ހުއްދަދެނީ ސްކްރީނިން ހެދުމަށްފަހު ކަމަށް ޑރ. އަލީ ލަތީފް ވިދާޅުވެއްޖެއެވެ.
ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ލަތީފް ވިދާޅުވީ، އާންމު އުސޫލުގެ ދަށުން ރިސޯޓުތަކުން މީހުންނަށް ފޭބޭނީ އެންމެ ފަހު ފަތުރުވެރިޔާ އެ ރިސޯޓަކުން ފޭބިތާ 14 ދުވަސް ހަމަވުމުން ކަމަށެވެ. ނަމަވެސް ބައެއް ހާއްސަ ހާލަތްތަކުގައި އެ މުއްދަތު އިތުރުވާނެ ކަމަށް ޑރ. ލަތީފް ފާހަގަކުރެއްވިއެވެ.
ޑރ. ލަތީފް ވިދާޅުވީ، ރިސޯޓުތަކުން މީހުން ފޭބުން ބަހާލެވިފައި އޮތީ ތިން ގްރޫޕަކަށް ކަމަށާއި އެގޮތުން ކޮވިޑް 19އަށް ޕޮޒިޓިވްވާ މީހަކު ފެނިފައިވާ ރިސޯޓުތަކުން މީހުން ފޭބުމުގެ ހުއްދަ ދެނީ އެންމެ ފަހު ފަތުރުވެރިޔާ ރިސޯޓުން ފައިބާތާ 14 ދުވަސްވުމަށް ފަހު، ސްކްރީނިން ހެދި އެ ސްކްރީނިން އިން އެއްވެސް އަލާމާތެއް ނެތްކަން ކަށަވަރުވުމުން ކަމަށެވެ.
"ރިސޯޓަކުން ޕޮޒިޓިވް ކޭހެއް އައިސްފިނަމަ އަޅުގަނޑުމެން ހަމަ މިގޮތަށް 14 ދުވަހަށް ބަލާފައި އެމީހުންގެ ސްކްރީނިންވެސް ހަދައިފައި ސްކްރީނިން އިން ނެގެޓިވްވެއްޖެއްޔާ އަޅުގަނޑުމެން މި ދޫކޮށްލަނީ،" ޑރ. ލަތީފް ވިދާޅުވިއެވެ.
މީގެ އިތުރުން ކޮވިޑް 19އަށް ޕޮޒިޓިވް މީހަކު ފެނި އަދި ރަށުތެރެއަށް ކޮންމެވެސް ވަރަކަށް ބަލި ފެތުރިފައިވާ ރިސޯޓުތަކުން މީހުން ފޭބޭނީ އެންމެ ފަހުން ޕޮޒިޓިވްވި މީހާ ފެނުނުތާ 28 ދުވަސް ފަހުން ކަމަށްވެސް ޑރ. ލަތީފް ވިދާޅުވިއެވެ.
ކޮވިޑް 19އަށް ޕޮޒިޓިވްވި މީހެއްވެސް އަދި ޝައްކު ކުރެވޭ މީހެއްވެސް ފެނިފައި ނުވާ ރިސޯޓުތަކުގެ މުވައްޒަފުންނަށް އެންމެ ފަހު ފަތުރިވެރިޔާ ފައިބާތާ 14 ދުވަސްވުމުން ރިސޯޓުތަކުން ފޭބޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ ބުނެފައެވެ.