ކޮވިޑް 19ގެ އަލާމާތްތައް ހުރި މީހުން އެކަން ސިއްރުކުރާކަން ފާހަގަވެފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ކޮވިޑް 19އާ ގުޅެގޮތުން މައުލޫމާތުދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަމީން ވިދާޅުވީ ރިސޯޓުތަކުން ފޭބުމުގެ ހުއްދަދޭ މީހުން ވެސް އަލާމާތެއް ހުރި ކަމަށްވާނަމަ، އެކަން ސިއްރު ނުކުރުމަކީ ވަރަށް އެދޭ ކަމެއް ކަމަށާއި އެފަދަ މައުލޫމާތުތައް ސިއްރުކުރުމުގެ ސަބަބުން މުޅި ރާއްޖެ ނުރައްކަލަކަށް ހުށަހެޅިގެންދާނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް ފާހަގަވެފައި އެބަހުރި 14 ދުވަސް ވާން ކައިރިވުމުން ނުވަތަ 14 ދުވަސްވުމުން އަޅުގަނޑުމެން މައުލޫމާތު އެއްކުރާ އިރު، އަލާމާތްތައް ހުންނަ މީހުންގެ މައުލޫމާތު މިހާތަނަށް އަޅުގަނޑުމެންނާ ހަމައަށް ފޯރުކޮށްނުދީ ހުރިކަން ފާހަގަކުރެވޭ. މައުލޫމާތު ސިއްރުކުރުމުގެ ސަބަބުން ނުވަތަ އަލާމާތެއް ހުރި މީހެއް، އެމީހެއްގެ އަލާމާތް ހުރި ކަމަށް ބުނުމުގެ ސަބަބުން އެރަށުގައި ތިބި މުވައްޒަފުން ނުވަތަ އެރަށުގައި ތިބި ފަރާތްތައް 14 ދުވަހަށްވުރެ ގިނަ ދުވަހު ތިބެން ޖެހިދާނެ ކަމަށްޓަކައި އެ މައުލޫމާތުތައް ސިއްރުކޮށްފި ކަމުގައިވާނަމަ، އެ ކުރެވޭ ކަމެއްގެ ސަބަބުން މުޅި ރާއްޖޭގެ ހުރިހާ އެންމެން ވަރަށް ބޮޑު ނުރައްކަލެއްގެ ތެރެއަށް ހުށަހެޅިގެންދޭ،" މިނިސްޓަރު ވިދާޅުވިއެވެ.
އަމީން ވިދާޅުވީ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ވީހާވެސް އަވަހަކަށް ކަމާބެހޭ ފަރާތްތަކަށް މައުލޫމާތު ހާމަކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި އެފަދަ މައުލޫމާތެއް ދިނުމުގެ ސަބަބުން އެ ރިސޯޓުގެ މުވައްޒަފުންނާއި އެ ރިސޯޓުގައި ދިރިއުޅޭ ފަރާތްތަކާއި މުޅި ރާއްޖޭގެ ރައްޔިތުންގެ ރައްކަލަށް މުހިންމު ފިޔަވަޅުތައް އެޅިގެންދާނެ ކަމަށެވެ.