ޚަބަރު

އީޔޫ އިން ރާއްޖެއަށް 51 މިލިއަން ރުފިޔާގެ ހިލޭ އެހީއެއް

އަލީ ޔާމިން

ކޮވިޑް 19އާ ގުޅިގެން ސިއްހީ ދާއިރާއަށާއި ފަތުރުވެރިކަމުގެ ދާއިރާއަށް އެހީތެރިވުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން 51 މިލިއަން ރުފިޔާގެ ހިލޭ އެހީ ދިނުމަށް ނިންމައިފިއެވެ.

އީޔޫ އާއި ފޮރިން މިނިސްޓްރީ ގުޅިގެން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ، އީޔޫއިން ރާއްޖެއަށް ދިން ތިން މިލިއަން ޔޫރޯ (51 މިލިއަން ރުފިޔާ)ގެ ތެރެއިން ދެ މިލިއަން ޔޫރޯއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ދިން ދެ މިލިއަން ޔޫރޯ ކަމަށާއި އަނެއް އެއް މިލިއަން ޔޫރޯއަކީ ރާއްޖޭގެ ސިއްހީ ދާއިރާއަށް އެހީތެރިވުމަށް ދިން ފައިސާ ކަމަށެވެ.

ކޮވިޑް 19 އާ ދެކޮޅަށް ދިވެހިރާއްޖޭގެ ނިންމުންތަކަށް އީޔޫ އަދި މެމްބަރު ގައުމުތަކުން ވަނީ މަރުހަބާ ކިޔައިފައެވެ. އެގޮތުން ކޮވިޑް 19އާ ދެކޮޅަށް ރާއްޖެއިން އެޅި ހަރުދަނާ، އަވަސް ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގައި ތިބި ޔޫރަޕްގެ ގައުމުތަކުގެ ފަތުރުވެރިން ފަސޭހަކަމާއެކު އެ ގައުމުތަކަށް ގެންދެވިފައިވާ ކަމަށްވެސް ބަޔާނުގައިވެއެވެ.

އީޔޫއިން ރާއްޖެއަށާއި ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑެނިސް ޗައިބީ ވިދާޅުވީ، މިދަނޑިވަޅަކީ ރާއްޖެއާއި އީޔޫ ގުޅިގެން މަސައްކަތްކުރަންވީ ވަގުތެއް ކަމަށެވެ. އަދި ވިލާތުގެ އިއްތިހާދުން ރާއްޖެއަށް މިދިން އެހީތެރިކަމާއެކު، ޔޫރަޕްގެ ފަތުރުވެރިންނަށް އަވަހަށް ރާއްޖެއަށް ޒިޔާރަތްކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ސަފީރު ވިދާޅުވިއެވެ.

އީޔޫގެ އެހީއާ ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ، މި އެހީއަކީ ރާއްޖެއާއި އީޔޫއާ ދެމެދު އޮތް ގުޅުން އަނެއްކާވެސް ހަރުދަނާ ވެފައިވާކަމުގެ ހެއްކެއް ކަމަށެވެ. އަދި އީޔޫގެ އެހީތެރިކަމަށް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވައިފައެވެ.