ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރު ނުކުރެވިގެން އުޅުނީ މިހާރު އެމްޑީޕީގެ ކޯލިޝަންގައި ތިއްބެވި ބޭފުޅުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީޕީއެމްއިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ކްރިމިނަލް ކޯޓުގެ އޭރުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރު ކުރުމުގެ މައްސަލަ ނުނިމިގެން މައްސަލައަކަށް ވެގެން އުޅުއްވީ އެމަނިކުފާނު ނޫން ކަމަށެވެ.
"މިހާރު ކޯލިޝަންގައި ތިއްބެވި ބޭފުޅުން އެންމެ ބޮޑަށް އެކަން ލަސްވެގެން، ހައްޔަރުނުކުރެވިގެން، ޝަރީއަތް ނުހިނގައިގެން އެންމެ ބޮޑަށް އުޅުއްވީ މިހާރު އެމްޑީޕީ ކޯލިޝަނާއެކު މަސައްކަތްކުރައްވާ ބޭފުޅުން. އަޅުގަނޑަކަށް ނޫން އެކަން އުނދަގޫ ވެގެން އުޅުނީކީ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ރައީސް ނަޝީދުގެ މައްސަލަ ފޮނުވީ ނިމިދިޔަ ސަރުކާރުން ނޫން ކަމަށާއި އެ މައްސަލަ ކޯޓަށް ފޮނުވީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުން ކަމަށެވެ. އަދި އެ މަސައްކަތުގައި ރައީސް ޔާމީން އުޅުއްވީ ޝަރީއަތް އަވަސްކޮށްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަތުމުން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
"އަޅުގަނޑު ހަމައެކަނި އެ މަސައްކަތުގައި އުޅުނީ ރައީސް ނަޝީދު އޮންނާނެ ރައީސް އޮފީހަށް ދެ ސިޓީ ފޮނުއްވާފައި. ޕްރޮސެކިއުޓާ ޖެނެރަލަށް ދެ ސިޓީ ނުވަތަ ތިން ސިޓީ ފޮނުއްވާފައި އޮންނާނެ ތިމަންނަގެ މައްސަލަ ޝަރީއަތުން އަވަސްކޮށްދޭށޭ. އެއީ ރައީސް ނަޝީދު އިންތިޒާރުކުރައްވަމުން ގެންދެވީ، އަޅުގަނޑު ގަބޫލުކުރާގޮތުން ވެއްޖެއްޔާ މިދިޔަ ރިޔާސީ އިންތިހާބަށް އެމަނިކުފާނުގެ ހުކުމްގެ އެއްބައި ތަންފީޒުވެގެން ނަމަވެސް ރިޔާސީ އިންތިހާބަށް މިނިވަންވާނެ ކަމަށް،" ރައީސް ޔާމީން ވިދާޅުވިއެވެ.