ކޮވިޑް 19 އާ ގުޅިގެން އަންނަ ހަފްތާ ވެސް ސަރުކާރު ބަންދު ކުރަން ނިންމާފައިވީ ނަމަވެސް، އަންނަ ހަފްތާގެ ތިން ދުވަހު ރަސްމީކޮށް ހުޅުވަން ނިންމާފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން ބުނެފިއެވެ.
މީރާ އިން ނެރުނު ބަޔާނެއްގައި ބުނީ ކޮންމެހެން ދޭން ޖެހޭ ހިދުމަތްތައް ދިނުމަށްޓަކައި މަދު މުވައްޒަފުން ނެރެގެން ހިދުމަތްދިނުމަށާއި އޮންލައިންކޮށް ދެވެން ހުރި ހުރިހާ ހިދުމަތެއް އޮންލައިންކޮށް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާފައިވާތީ މިމަހުގެ 13، 14 އަދި 16 ވަނަ ދުވަހު ހިދުމަތް ދިނުމަށް ނިންމާފައިވާ ކަމަށާއި އެހެންކަމުން ކޮވިޑް 19 އާ ގުޅިގެން ބަންދުކޮށްފައިވާ މުއްދަތާ ދިމާވި ޓެކްސް ބަޔާނުގެ އާ ސުންގަޑިއަކީ މިމަހުގެ 13 ވަނަ ދުވަސް ކަމަށެވެ.
މީރާ އިން ބުނީ އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން މިމަހުގެ 15 ވަނަ ދުވަހާ ހަމައަށް ހުށަހަޅާ ފަރާތްތައް ޖޫރީމަނާ ކުރުމަކާއި ނުލައި ރަޖިސްޓްރީކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ.
އެ މުއްދަތުގައި މީރާއިން ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ:
- ޓެކްސް ބަޔާން ބަލައިގަތުން (މީރާ ކަނެކްޓް އެކައުންޓް ދޫކޮށްފައިވާ ފަރާތްތަކުން ޓެކްސް ބަޔާން ހުށަހަޅަންވާނީ މީރާ ކަނެކްޓް މެދުވެރިކޮށް އޮންލައިންކޮށެވެ. ޖީއެސްޓީ ނިލް ރިޓާން މީރާ ކަނެކްޓް ނުވަތަ ވާރު ޕޭ މެދުވެރިކޮށް ހުށަހެޅޭނެއެވެ.)
- ފައިސާ ބަލައިގަތުން (ޓެކުހާއި އެހެނިހެން ފައިސާ އޮންލައިންކޮށް ދައްކަންޖެހޭ ފަރާތްތަކުން ފައިސާ ދައްކަންވާނީ އޮންލައިންކޮށް ނުވަތަ އެމްއާރުޓީޖީއެސް މެދުވެރިކޮށެވެ. މީގެ އިތުރުން ކުންފުނީގެ އަހަރީ ފީ، އެއްގަމު އުޅަނދާއި ކަނޑު އުޅަނދުގެ އަހަރީ ފީ، ޓްރެފިކާ ގުޅޭ ޖޫރިމަނާ، އެއާޕޯޓު ސެކިއުރިޓީ ފާސް، ވިސާ ފީ އަދި މުދަލު ޒަކާތް މީރާގެ އޮންލައިން ހިދުމަތް ވާރު ޕޭ މެދުވެރިކޮށް އޮންލައިންކޮށް ދެއްކޭނެއެވެ. އޮންލައިންކޮށް ދެއްކުމުގެ އިންތިޒާމު ހަމަޖެހިފައިނުވާ ފައިސާ ކައުންޓަރުން ބަލައިގަންނާނެއެވެ.)
- ރެވެނިއު ސްޓޭމްޕް ވިއްކުމުގެ ހިދުމަތް (ރެވެނިއު ސްޓޭމްޕް ވިއްކުމުގެ ހިދުމަތް ކައުންޓަރުން ދެވޭނެއެވެ.)
- ރަޖިސްޓަރީކުރުމާ ގުޅޭ ހިދުމަތްތައް (ރަޖިސްޓަރީކުރުމާ ގުޅޭ ފޯމު [email protected] އަށް އީމެއިލް ކުރުމުން ރަޖިސްޓަރީކޮށްދެވޭނެއެވެ.)
- ޓެކްސް ކްލިއަރެންސް، އިންސްޓޯލްމަންޓް އަދި ފައިން ރިލީފްއާ ގުޅޭ ފޯމު، އެ ފޯމުގައިވާ އީމެއިލް އެޑްރެހަށް ފޮނުވުމުން އެ ހިދުމަތްތައް ދެވޭނެއެވެ.
- މީރާގެ ކޯލް ސެންޓަރު 1415ގެ ހިދުމަތް މި ދުވަސްވަރުގައި ދެވޭނެއެވެ.
- ޓެކްސް ޕޭޔާ ސާވިސް ސެންޓަރުން ހިދުމަތްދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:00 އިން މެންދުރު 1:00 އާ ދެމެދު މީރާ މޯބައިލް އެޕްލިކޭޝަން ނުވަތަ QueueBee މެދުވެރިކޮށް އޮންލައިންކޮށް ޓޯކަން ނަގާ ފަރާތްތަކަށާއި، 1415 މެދުވެރިކޮށް އެޕޮއިންޓްމަންޓް ހަދާ ފަރާތްތަކަށެވެ. ޓޯކަން ނުވަތަ އެޕޮއިންޓްމަންޓް ނެގުމަށްފަހު ނަންބަރު ޖެހެން ކައިރިވުމުން ހޯދަން އައުމަށާއި، ހިދުމަތް ހޯދުމުގައި އިޖުތިމާއީ ގައިދުރުކަމަށް ސަމާލުކަން ދިނުމަށް ދަންނަވަމެވެ.