އަލީ ޔާމިން
ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓު، ސުޕްރީމް ކޯޓުން އެކުލަވާލި ވީޑިއޯ ކޮންފަރަންސް މެދުވެރިކޮށް ޝަރީއަތް ކުރިއަށްގެންދިއުމުގެ ނިޒާމަކީ ކުރިއެރުމެއް ކަމަށް ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
ޖިނާއީ މައްސަލަތަކުގައި ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތް ކުރިއަށްގެންދިއުމަށް ހާއްސަ ގަވާއިދެއް ސުޕްރީމް ކޯޓުން އެކުލަވާލާފައިވަނީ އިއްޔެއެވެ.
ޕީޖީ ޝަމީމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޯވިޑް 19 އާއެކު އުޅެން ދަސްކުރުންޖެހޭ ކަމަށާއި ރާއްޖޭގެ އަދުލުގެ ނިޒާމުވެސް އެކަމުން އިސްތިސްނާނުވާ ކަމަށެވެ. އެހެންކަމުން ސުޕްރީމް ކޯޓުން އެކުލަވާލި ވީޑިއޯ ކޮންފަރަންސް މެދުވެރިކޮށް ޝަރީއަތް ކުރިއަށްގެންދިއުމުގެ ނިޒާމަކީ މި ހާލަތުގައި ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ޕީޖީ ވިދާޅުވިއެވެ.
މީގެ އިތުރުން މައްސަލަތައް ބެލުން އަވަސްކޮށް ހަރަދުކުޑަކުރުމުގެ ގޮތުން މިއަހަރު ޕީޖީ އޮފީހުގައިވެސް ދިހަ ވީޑިއޯ ކޮންފަރެންސް ސިސްޓަމް ބަހައްޓާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.
ޕީޖީ ވިދާޅުވީ މިއަހަރުގެ ތެރޭގައި ޕީޖީ އޮފީހުގައިވެސް ވީޑިއޯ ކޮންފަރަންސް ދިހަ ސިސްޓަމް ބަހައްޓާނެ ކަމަށެވެ. އޭރުން ހަރަދު ކުޑަވުމުގެ އިތުރުން މައްސަލަތައް އަވަސް ވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
"ޕީޖީ އޮފީހުގައި ވީޑިއޯ ކޮންފަރަންސް ދިހަ ސިސްޓަމް މިއަހަރު ތެރޭ ބަހައްޓާނެ. ހަރަދު ކުޑަވާނެ. އަވަސްވާނެ،" ޝަމީމްގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.
ކޮވިޑް 19ގެ ސަބަބުން ކޯޓުތަކުން އަމަލުކުރަން ޖެހޭ ގޮތްތަކާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ވަނީ ހާއްސަ ސާކިއުލާއެއް ނެރެފައެވެ. އެ ސާކިއުލާގައި އެއްވެސް ގޯހެއް ނެތްކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ވެސް ވަނީ ނިންމައިފައެވެ.