މިދިޔަ ޖަނަވަރީ މަހުގެ 30 ވަނަ ދުވަހު ފުލުހުން މާލޭގައި ހިންގި ޑުރަގް އޮޕަރޭޝަނެއްގައި ހައްޔަރުކުރި ނުވަ މީހުންގެ ތެރެއިން ހަތަރު މީހަކު އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކުރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
ގދ. ހޯނޑެއްދޫ އަލޯރާ، އަރުޝަދާއި އިތުރު ބަޔަކު ގުޅިގެން މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް އެ ތަކެތި ގެންގުޅެ އަދި ޓްރެފިކް ކުރާ ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތުގެ އަލީގައި ފުލުހުން ހިންގި އޮޕަރޭޝަންގައި ނުވަ ގެއެއް ބަލައި ފާސްކޮށް ނުވަ ކިލޯއަށްވުރެ ގިނަ ހެރޮއިނާއި ހަތަރު ގްރާމަށްވުރެ ގިނަ ކޮކެއިން އަތުލައިގަތެވެ.
މި މައްސަލައިގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ލިބުނު ކަމަށް ތުހުމަތު ކުރެވޭ 1،535،110 (އެއް މިލިއަން ފަސްލައްކަ ތިރީސް ފަސްހާސް އެއްސަތޭކަ ދިހައެއް) ދިވެހި ރުފިޔާ އާއި 146،731 (އެއްސަތޭކަ ސާޅީސް ހަހާސް ހަތްސަތޭކަ ތިރީސް އެކެއް) ޔޫއެސް ޑޮލަރު ވަނީ ހޯދައިފައެވެ.
އެ މައްސަލައިގެ ތުހުމަތުގައި ފުލުހުން ޖުމްލަ ނުވަ މީހަކު ހައްޔަރުކުރިއެވެ. އަދި އޭގެ ތެރެއިން އަށް މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިދިޔަ މަހުގެ 31 ވަނަ ދުވަހު ވަނީ ކުރިމިނަލް ކޯޓަށް ހުށަހަޅައިފައެވެ.
އެ މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކުރިމިނަލް ކޯޓުން މިއަދު އަމުރުކުރީ ޑުރަގް ނެޓްވޯކުގައި އިސްކޮށް އުޅުނު ކަމަށް ބުނާ ގދ. ހޯނޑެއްދޫ/ އަލޯރާ، އަރުޝަދު ހާލިދާއި އެރަށު އިރުމަތީގެ، އަހުމަދު ސުނައިނު އާއި އެރަށު ގުލޭނޫރަންމާގެ، އަލީ ޒުބައިރު އަދި ހަމައެރަށު މެޑްރިޓްހައުސް، އަހުމަދު ގިޔާސްގެ މައްޗަށެވެ.
މި ހަތަރު މީހުންގެ ތެރެއިން އަރުޝަދުގެ މައްޗަށް ދައުލަތުން ދައުވާ ކުރަނީ ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާއެވެ. ޒުބައިރާއި ސުނައިނުގެ މައްޗަށް ކުރަނީ ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އަދި ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ޓްރެފިކްކުރުމުގެ ކުށުގެ ދައުވާއެވެ. ގިޔާސްގެ މައްޗަށް ދައުލަތުން ކުރަނީ ޑައިމޯފިން ޓްރެފިކްކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.
އެ މައްސަލައިގައި ދެން ހައްޔަރުކޮށް ދައުވާކުރަން ފޮނުވި މީހުންނަކީ:
މި މައްސަލައިގައި ހައްޔަރުކުރި ނުވަ ވަނަ މީހާ، ގއ. ގެމަނަފުށި، ސުރައްޔާމަންޒިލް، މުހައްމަދު ސިދުރަތު (27އ) އަށް ދައުލަތުގެ ފަރާތުން ދައުވާ ކޮށްފައެއް ނުވެއެވެ.