ޚަބަރު

ކޮވިޑް 19 ވަނީ ސިއްހަތާ މެދު އަޅުގަނޑުމެން ދެކޭ ގޮތާއި ދިރިއުޅެމުން އައި ގޮތް ބަދަލުކޮށްފައި: މިނިސްޓަރު އަމީން

ކޮވިޑް 19 ވަނީ ސިއްހަތާ މެދު ދެކޭ ގޮތް ބަދަލުކޮށްލުމުގެ އިތުރުން ދިރިއުޅެމުން އައި ގޮތް ބަދަލުކޮށްފައި ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަމީން މިހެން ވިދާޅުވެފައިވަނީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން މިއަދު އޮންލައިންކޮށް ބޭއްވި ސްޓިއަރިން މިނިސްޓީރިއަލް ކޮމިޓީގައި ވާހަކަދައްކަވަމުންނެވެ.

ހެލްތު މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި އޯއައިސީގެ މި ބައްދަލުވުމަކީ ކޮވިޑް 19އާ ގުޅިގެން އޯއައިސީ މެންބަރު ގައުމުތަކުގެ ސިއްހީ ހާލަތު ވަޒަންކުރުމަށް ބޭއްވި ބައްދަލުވުމެކެވެ. އަދި މި ބައްދަލުވުމުގައި ކޮވިޑް 19 އިން ރައްކާތެރިވުމަށް އިސްލާމީ ގައުމުތަކުން ކުރާ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރުމުގެ އިތުރުން ގައުމުތަކުން އަޅަމުން އަންނަ ފިޔަވަޅުތަކާ ގުޅިގެން މައުލޫމާތު ފޯރުކޮށްދިން ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

އެގޮތުން މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މި ދަނޑިވަޅުގައި އިސްލާމީ ގައުމުތަކުގެ ސިއްހަތާ ބެހޭ ވަޒީރުންނާއި ބައްދަލުކުރެވުމުން އުފާކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތުދެއެވެ. އަދި މި ބައްދަލުވުން އިންތިޒާމުކޮށްދެއްވިކަމަށްޓަކައި ބައްދަލުވުން ޗެއާ ކޮށްދެއްވި ޔޫއޭއީއަށް މިނިސްޓަރު ޝުކުރު ދެންނެވި ކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތުދެއެވެ.

މީގެ އިތުރުން މިހާރުގެ ހާލަތުގައި އެންމެން މަސައްކަތްކުރަންވީ ގުޅިގެން ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ. އަދި ކޮވިޑް 19 ވަނީ އަހަރެމެން ދިރިއުޅެމުން އައި ގޮތް ބަދަލުކޮށްލުމުގެ އިތުރަށް ސިއްހަތާ މެދު ދެކެމުން އައިގޮތް ބަދަލުކޮށްފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ހެލްތު މިނިސްޓްރީން ބުނީ މިއީ ދުވަހަކުވެސް ދެކެން ޖެހޭނެ ކަމަށް ގަބޫލު ކުރި ދުވަހެއް ނޫން ކަމަށް މިނިސްޓަރު އަމީން ވިދާޅުވި ކަމަށެވެ.

މި ބައްދަލުވުމުގައި ރާއްޖެއަށް އިގުތިސާދީ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތައް މިނިސްޓަރު އަމީން ފާހަގަކުރެއްވި ކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތުދެއެވެ. އެގޮތުން ރާއްޖޭގެ އިގުތިސާދާއި އާންމު ހާލަތު ބަރޯސާވެފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ ބޭރުގެ ފައިސާއަށް ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި މިކަމުގެ ސަބަބުން ކުރިއަށް އޮތް ދުވަސްތަކުގައި ދަތި ނަމަވެސް ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން އޯއައިސީ މެންބަރު ގައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުވާލައި މިނިސްޓަރު ވާހަކަދެއްކެވިއެވެ. އަދި އޯއައިސީގެ މެންބަރު ގައުމުތަކުން ގުޅިގެން މިކަމަށް ހައްލު ހޯދުމަށް މަސައްކަތް ކުރުމަށް މިނިސްޓަރު ގޮވާލެއްވި ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

ހެލްތު މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި ދެ ގަޑިއިރުގެ މި ބައްދަލުވުން ނިންމާލާފައިވަނީ ގައުމުތަކުން އެއްބަސްވާ އެއްބަސްވުމެއް އެޑޮޕްޓު ކުރުމަށް ފަހުއެވެ. އެ އެއްބަސްވުމުގައި ކޮވިޑް 19އާ ގުޅިގެން ގައުމުތަކުގެ މެދުގައި މައުލޫމާތު ބަދަލުކުރުން ހަރުދަނާކުރުމަށާއި، މިހާރަށް ބޭނުންވާ އެސެންޝަލް މެޑިކަލް ސަޕްލައިސްގެ އިތުރުން، ޑައިގްނޯސްޓިކް ކިޓްސް އަދި ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް ހޯދުމަށް އެއްބަސްވެވުނު ކަމަށް މިނިސްޓްރީން ބުނެއެވެ.