ޚަބަރު

އެއްވެސް ވަގުތެއްގައި ތިން މީހުނަށްވުރެ ގިނަމީހުން އެކީގައި މަގުތަކަށް ނުކުތުން މަނާކޮށްފި

އިބްރާހިމް ޒަކީ

ކޮވިޑް 19 އާއި ގުޅިގެން އިއުލާން ކޮށްފައިވާ އާއްމުސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން، އެބަލި އިތުރަށް ފެތުރުނަ ނުދިނުމަށް އަޅާފައިވާ ފިޔަވަޅު ތަކުގެ ތެރެއިން، ކަނޑައަޅާފައިވާ އިޖުތިމާއީ ގައިދުރުކަން ބޭއްވުމުގެ ގޮތުން، އެއްވެސް ވަގުތެއްގައި ތިން މީހުންނަށްވުރެ ގިނަ މީހުން މަގުތަކަށް ނުކުތުމަކީ މަނާކަމެއް ކަމުގައި އެޗްޕީއޭއިން އަންގައިފިއެވެ.

އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބޭ ގާނޫނީ ބާރުގެ ދަށުން، އެކަން އަންގައި، ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މާލެއާއި ވިލިމާލެ އާއި ހުޅުމާލޭގައި އެއްވެސް ވަގުތެއްގައި، އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަމީހުން މަގުމަތީގައި އެއްވެއުޅުން ހުއްޓައިލުމަށް އަންގާކަމަށެވެ.

އެޗްޕީއޭއިން މިގޮތަށް އަންގާފައިވަނީ މިމަމަހު ދެވަނަ ދުވަހުން ފެށިގެން މި ސަރަހައްދަށް އިއުލާންކުރި ކާފިއު އުވާލިކަން އަންގައި ނެރުނު އެންގުމުގައެވެ.

އެ އެންގުމުގައި ވަނީ، މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގައި ކޮންމެ ދުވަހެއްގެ ހަވީރު 5:00 އިން ރޭނގަޑު 8:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމަތީގައި މީހުންއުޅުން ހުއްޓައިލުމާއި، ޕަބްލިކް ޓްރާސްޕޯޓް (ބަހާއި ފެރީ) ގެ ހިދުމަތްދިނުން ހުއްޓައިލުމަށް އެންގި އެންގުން ބާތިލް ކުރާ ކަމަށެވެ.

މީގެ އިތުރުން މާލެއާއި ވިލިމާލެ އާއި ހުޅުމާލޭގައި އެއްވެސް ވަގުތެއްގައި، އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަމީހުން މަގުމަތީގައި އެއްވެއުޅުން ހުއްްޓައިލުމަށް އަންގާ ކަމަށްވެސްް ބުނެފައި ވެއެވެ.

އެޗްޕީއޭގެ އެންގުމުގައި ވަނީ، "މީހުން އެއްތަނަކަށް ޖަމާވުން ހުއްޓުވުމަށާއި، ގައިދުރުކަން އިތުރުކުރުމަށްޓަކައި ލޯކަލް މާރުކޭޓުތަކާއި ސުޕަމާކެޓުތަކާއި، ފިހާރަތަކާއި، އޮފީސްތަކާއި، ބޭންކުތަކާއި، އެހެނިހެން ގޮތްގޮތުން އާއްމު ހިދުމަތްދޭ ތަންތަނުގައި ގައިދުރުކަމުގެ ރަނގަޅު މިންގަނޑުތައް ހުންނާނެގޮތަށް އިންތިޒާމުތައް ހަމަޖެހިފައި ހުންނަންވާނެ އެވެ. އަދި ހިދުމަތް ހޯދާ ފަރާތްތަކުންވެސް ގައިދުރުކަމުގެ ގޮތްތަކާއި އާދަތަކަށް އިސްކަން ދިނުމަށާއި، އެގޮތަށް އަމަލުތައް ބެހެއްޓުމަށް ދަންނަވަން،" ކަމަަށެވެ.

މީގެ އިތުރުން އެޗްޕީއޭއިން އަންގާފައިވާ އެ ފިޔަވަޅުތައް ތަންފީޒުކޮށް އެ ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލު ކުރުމަށް އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް އަންގާކަމަށްވެސް އެނގުމުގަިއ ބުނެފައިވެއެވެ.