ޚަބަރު

އެސްޓީއޯއިން ފިޔާ، އަލުވި އަދި ބިހުގެ އާ ސްޓޮކެއް ގެނެސް އަގުހެޔޮކޮށް ވިއްކަން ފަށައިފި

އައިދާ އަބްދުލް ހަކީމް

އެސްޓީއޯއިން ފިޔާ، ބިސް އަދި އަލުވީގެ އާ ސްޓޮކެއް ގެނެސް ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ވިއްކަން ފަށައިފި އެވެ.

އެސްޓީއޯން މި ތިން ބާވަތް ގެނެސް ވިއްކަން ފަށާފައި ވަނީ ބާޒާރުގައި އާންމުކޮށް ހުރި އަގުތަކަށްވުރެ ހެޔޮކޮށެވެ.

އެކުންފުނިން މިއަދު ކުރި ޓުވީޓެއްގައި ބުނީ ފިޔާ ކިލޯއެއް 15ރ. އަށް، އަލުވި ކިލޯއެއް 12ރ. އަށް އަދި ބިހެއް 1.50ރ. ގެ ރޭޓުން މިހާރު ގަންނަން ލިބޭނެ ކަމަށެވެ. ފިޔާ ބަސްތާއެއް 325ރ. އަށާއި އަލުވި ބަސްތާއެއް 250ރ. އަށް އަދި ބިސް ކޭހެއް 290ރ. ގެ ރޭޓު ގަންނަން ލިބޭނެ ކަމަށް ވެސް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯ އިން ބުނީ ރީޓެއިލްކޮށް މިތަކެތި ގަންނަން ބޭނުންވާ މީހުންނަށް އެސްޓީއޯގެ ސުޕަމާޓުން މިހާރު ލިބެން ހުރިއިރު ހޯލްސޭލްކޮށް ގަންނަން ބޭނުންވާ މީހުންނަށް އިންޑަސްޓްރިއަލް ވިލެޖުގައި ހުންނަ އެސްޓީއޯގެ ގުދަނުން ލިބެން ހުންނާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ. އަދި ގުދަން ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 3:15 އަށް ކަމަށް އެސްޓީއޯއިން ބުނެ އެވެ.

އެސްޓީއޯއިން ކުރި ޓްވީޓް

ފިޔާ އަދި އަލުވި މީހަކަށް ބަސްތާއެއް ވިއްކަން ނިންމާފައިވާއިރު ބިސް ވެސް ވިއްކާނީ މީހަކަށް ކޭހެކެވެ. އެއަށްވުރެ ގިނައިން ގަންނަ ދާއިމީ ކަސްޓަމަރުންނަށް ގުދަނުން ތަކެތި ދޫކުރުމަށް ނިންމާފައިވާ ކަމަށް އެކުންފުނިން ބުންޏެވެ.

ކޮވިޑް 19 އާ ގުޅިގެން ބާޒާރުގައި މިތަކެތީގެ އަގު އުފުލެން ފެށުމާ ގުޅިގެން ސަރުކާރުން މިހާރު ވަނީ އަގުތައް ކޮންޓްރޯލް ކޮށްފައެވެ. އަދި ސަރުކާރުން ކަނޑައަޅާފައިވާ މިންގަނޑާ ހިލާފުވާ ވިޔަފާރިތައް 100،000ރ. އިން ޖުރިމަނާ ކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

މިހާރު ފިޔާ އަދި އަލުވި ކިލޯއެއް އެންމެ އަގު ބޮޑުކޮށް ވެސް ވިއްކޭނީ 20ރ. އަށެވެ. އަދި ބިހެއް އެންމެ އަގު ބޮޑުކޮށް ވެސް ވިއްކޭނީ 1.80ރ. އަށެވެ.