ރައީސް ޔާމީން

އަޅުގަނޑުމެންގެ ސަރުކާރުން ކުށެއް ނުކުރާ މީހަކު ހައްޔަރުކޮށްފައެއް ނުވާނެ: ރައީސް ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުން ކުށެއް ނުކުރާ މީހަކު ހައްޔަރުކޮށްފައެއް ނުވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.

ޕީޕީއެމްއިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރާ އެއްވެސް ޒާތެއްގެ ކަމެއް ނިމިދިޔަ ސަރުކާރުން ކޮށްފައިނުވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ސަރުކާރުން ކުށެއް ނުކުރާ މީހަކު ހައްޔަރުކޮށްފައެއް ނޯންނާނެ. އަޅުގަނޑުމެންގެ ސަރުކާރުގެ ފުރަތަމަ އަހަރު ނުކުރައްވަން މިހާރު އެކުރައްވާ ޒާތުގެ އެއްވެސް ކަހަލަ ކަމެއް. ކަންކަން ކޮށްފައިވާ ފަރާތްތަކަކީ ކޮބައިތޯ ދެނެގަނެ އެ މީހުން ފަހާ ދުވެ އެއްވެސް ކަމެއް އަޅުގަނޑުމެން ނުދުވަން ދެއްތޯ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ނިމިދިޔަ ސަރުކާރުގައި އެންމެ ފުރަތަމަ މައްސަލަ ޖެހުނީ 2015ގެ މޭޑޭގެ މުޒާހަރައާ ހަމައިން ކަމަށާއި އެއީ ސަރުކާރުން ބަޔަކު ފަހާ ގޮސްގެން ނޫން ކަމަށެވެ. އަދި އެއީ ބަޔަކަށް ސަރުކާރު ހިނގާ ގޮތް ކަމުނުގޮސްގެން ސަރުކާރު ވައްޓާލަން ނުކުތް ނުކުތުން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

"އެއީ ސަރުކާރުން ބަޔަކު ފަހާ ގޮސްގެނެއް ނޫން. ބަޔަކަށް ސަރުކާރު ހިނގާ ގޮތް ކަމުނުގޮސްގެން ސަރުކާރު ވައްޓާލަން ނުކުތް ނުކުތުން ދެއްތޯ އެއީ. މި ސަރުކާރުން ނޯންނާނެ އޭރު ތިއްބެވި ބޭފުޅުންނާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައެއް،" އެމަނިކުފާނު ވިދާޅުވިއެވެ.