ޚަބަރު

ކޮވިޑް 19 : ރާއްޖެއިން ފުރިފަހުން ކޮވިޑަށް ޕޮޒިޓިވްވި ބިދޭސީ މީހާއާ ކޮންޓެކްޓުވި ދިވެއްސެއްގެ ސާމްޕަލް ނަގައިފި

މަރިޔަމް ޝަހުދާ

ރާއްޖެއިން ފުރި ފަހުން ކޮވިޑް 19 އަށް ޕޮޒިޓިވް ވި ބިދޭސީ މީހާއާއި ކޮންޓެކްޓުވި ދިވެއްސެއްގެ ސާމްޕަލް ނަގައިފި އެވެ.

އެޗްޕީއޭއިން ކުރި ޓުވީޓެއްގައި ބުނީ އެ ދިވެހި މީހާގެ ހަށިގަނޑުން ސާމްޕަލް ނަގާފައި ވަނީ އެމީހާގެ ހަށިގަނޑުން ކޮވިޑް 19 ގެ އަލާމާތްތަކެއް ފެނިފައިވާތީ ކަމަށެވެ. އަދި މި ދިވެހި މީހާއަކީ އެ ބިދޭސީ މީހާއާއި "ޑައިރެކްޓް ކޮންޓެކްޓް" ވި މީހެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިހާރު މި ދިވެހި މީހާ ވަނީ އައިސޮލޭޝަން ފެސިލިޓީގައި ކަމަށް ވެސް އެޗްޕީއޭއިން މައުލޫމާތު ދެއެވެ.

ރާއްޖެއިން ދިޔަ ފަހުން ޕޮޒިޓިވް ވި ބިދޭސީ މީހާއަކީ ޖޯލި މޯލްޑިވްސް އާއި ބޮޑުފުށި ރިސޯޓުގައި މަސައްކަތް ކުރާ މީހެކެވެ. އެމީހާ ރާއްޖެއިން ދިޔަ ފަހުން ކޮވިޑަށް ޕޮޒިޓިވް ވުމުން އެއް މެނޭޖްމަންޓުގެ ދަށުން ހިންގާ މި ދެ ރިސޯޓުވެސް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.

ކޮވިޑަށް ޕޮޒިޓިވް ވި ބިދޭސީ މީހާ އެ ދެ ރިސޯޓުގައި އުޅެފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު 13 އިން ފެށިގެން މިއަހަރުގެ މާޗް 31ގެ ނިޔަލަށެވެ. އަދި އޭނާ ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވާކަން އެނގިފައިވަނީ ހޯމަ ދުވަހު ކަމަށް މީގެ ކުރިން އެޗްޕީއޭއިން މައުލޫމާތު ދީފައިވެއެވެ.