ރައީސް ޔާމީން

އަޅުގަނޑު ހައްޔަރުކުރަން ޖެހޭނެ ސަބަބެއް ނޯންނާނެ: ރައީސް ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ހައްޔަރުކުރަން ޖެހޭނެ ސަބަބެއް ނޯންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ޕީޕީއެމްއިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމްޑީޕީ ސަރުކާރުން ކުރިން ދެ ފަހަރަކު އެމަނިކުފާނު ހައްޔަރުކުރި ކަމަށާއި އެއިން އެއްވެސް ފަހަރަކު ހައްޔަރުކުރި ސަބަބެއް ދެއްކިފައެއް ނުވާ ކަމަށެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން. ކުރިން ވެސް އަޅުގަނޑު ހައްޔަރުކުރީ އެމްޑީޕީ ސަރުކާރުން. ކުރިން ވެސް ދެ ފަހަރު ހައްޔަރުކުރި ނޫންތޯ. ހައްޔަރުކުރަން ޖެހުނު އެއްވެސް ސަބަބެއް ދެއްކުނުތޯ. ހައްޔަރުކުރަންޏާ ހައްޔަރުކުރެވިދާނެ ދެއްތޯ. އެކަމަކު ހައްޔަރުކުރަން ޖެހޭނެ ސަބަބެއް އޮންނާނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އެއްވެސް ސަބަބެއް ނޯންނާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެކްޓިވިސްޓުންނަށް ބޭރު ގައުމުތަކުގެ މީހުން އައީމަ ވެސް ހައްޔަރުކުރަން ގޮވާލެވިދާނެ ކަމަށާއި ރާއްޖޭގައި އޮތީ އެކަހަލަ މިނިވަންކަމެއް ކަމަށެވެ. އަދި ހައްޔަރުކުރާ މީހުން އެކަމެއް ކުރަނީ އިންސާފުންތޯ ވެސް ބަލައިލަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.