އިބްރާހިމް ޒަކީ
ޓްރިވެންޑްރަމް އާއި ކޮޗިންގައި ދިރިއުޅޭ ދިވެހިންގެ ގިނަ އަދަދެއްގެ ބަޔަކަށް ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބައެއް ތަކެތި ހޯދުމަށް ދަތިތަކެއް ކުރިމަތިވެފައިވާތީ، އެމީހުންނަށް، ތަކެތިފޮނުވަން ބޭނުންވާ ފަރާތްތަކަށް ހިލޭ އެތަކެތި ފޮނުވޭނެ ގޮތް ހަމަޖައްސައި މާދާ ތަކެތި ބަލައިގަތުމަށް ހަމަޖައްސާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ، އެމީހުންނަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އަންނަ ހޮނިހިރު ދުވަހު ޓްރިވެންޑްރަމަށް މޯލްޑިވިއަނުން ދަތުރުކުރަން ހަމަޖައްސާފައިވާ ފުލައިިޓްގައި ދިވެހި އާއިލާތަކުން ފޮނުވަން ބޭނުންވާ ތަކެތި ހިލޭ ފޮނުވައިދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
އެހެންކަމުން އެތަންތަނުގައި ތިބި ދިވެހިންނަށް ތަކެތި ފޮނުވަން ބޭނުންވާ ފަރާތްތަކުން، މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް ފޯމު ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. މިފަހަރު ފުރުސަތު ދެވޭނީ އެކަމަށް އެދި ފޯމު ހުށަހަޅާ ތަރުތީބުން، އެންމެ ފުރަތަމަ ފޯމު ހުށަހަޅާ 600 ފަރާތަށް ކަމަށްވެސް މިނިސްޓްރީން ބުނެފައި ވެއެވެ.
މިނިސްޓްރީން ބުނެފައިވަނީ ތަކެތި ބަލައިގަތުމަށް ހަމަޖައްސާފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޑިޕާޗާހޯލް ކައިރީގައި ބަހައްޓާފައިވާ ހާއްސަ ކައުންޓަރުތަކުން ކަމަށެވެ. އަދި އެކަން ކުރިއަށްދާނީ މާދަމާ ހެނދުނު 8:00 އިން މެންދުރު 11:00 އަށް އަދި މެންދުރުފަހު 2:00 އިން 6:00 އަށް ކަމަށެވެ.
ޓްރިވެންޑްރަމަށް އާއި ކޮޗިންއަށް ކެއާޕެކެޖް ފޮނުވުމާ ގުޅޭގޮތުން މައުލޫމާތު ސާފު ކުރުމަށް ހޮޓްލައިން 302399 އަދި 3023943 އަށް ގުޅުމަށް އެދޭކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެފައި ވެއެވެ.