ޚަބަރު

ޖަޕާނަކީ ކޮވިޑް 19 އާއި ދެކޮޅަށް މުހިއްމު ދައުރެއް އަދާކުރާ ގައުމެއް: މިނިސްޓަރު ޝާހިދު

އައިދާ އަބްދުލް ހަކީމް

ޖަޕާނަކީ ކޮވިޑް 19 އާއި ދެކޮޅަށް މުހިއްމު ދައުރެއް އަދާކުރާ ގައުމެއްކަމަށް ފޮރިން މިނިސްޓަރު އަބްދުއްﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝާހިދު މިހެން ވިދާޅުވީ މިހާރު ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮވިޑް 19 އާއި ގުޅިގެން ޖަޕާނުގެ ފޮރިން މިނިސްޓަރު ވަކަމިޔާ ކެންޖީއާ ފޯނުން ގުޅުއްވައި މަޝްވަރާކުރެއްވުމަށްފަހު މިއަދު ކުރެއްވި ޓުވީޓެއްގަ އެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ ޖަޕާނުގެ ފޮރިން މިނިސްޓަރާއި އެކު ފޯނުން ދެއްކެވި ވާހަކަތަކަކީ ބިނާކުރުވަނިވި މުހިންމު ވާހަކަތަކެއް ކަމަށެވެ.

އެގޮތުން، ކޮވިޑް 19ގެ ސަބަބުން އެންމެ ބޮޑަށް އަސަރު ކޮށްފައިވާ ގައުމުތަކަށް އެހީތެރި ވުމަށް ޖަޕާނުން ކުރަމުން އަންނަ މަސައްކަތްތައް މިނިސްޓަރު ޝާހިދު ވަނީ ފާހަގަ ކުރައްވާފައެވެ.

މިނިސްޓަރު ޝާހިދު ކުރެއްވި ޓުވީޓު

ކޮވިޑް 19 ފެތުރެމުން ދިއުމާއި ގުޅިގެން ޖަޕާނުން ވަނީ ވައިރަހާއި ދެކޮޅަށް ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން އެގައުމުގެ ބައެއް ހިސާބުތަކުގައިވެސް ވަނީ ކާފިއު އިއުލާނުކޮށްފައެވެ.

ޖަޕާނުން މިހާތަނަށް ވަނީ 4,667 މީހުން މި ވައިރަހަށް ޕޮޒިޓިވް ވެފައެވެ. އަދި 94 މީހުން މި ބަލި ޖެހިގެން މަރުވެފައެވެ.