މިއަދު ފެނިގެންމިދިޔައީ ސުޕްރީމް ކޯޓުން ފެބްރުއަރީ އެކެއްގައި ނެރުނު އަމުރު އެއްކޮށް ތަންފީޒުކުރެވިގެންދިޔަ ތަން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީޕީއެމްއިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ބޮޑެތި މައްސަލަތައް ނިމިގެންދިޔައީމާ މުރާޖައާ ކުރެވޭނެ ގޮތްގޮތް ހުންނަ ކަމަށާއި ކުށްވެރިން ވާނީ ކުށްވެރިންނަށް ކަމަށެވެ.
"ބޮޑެތި މައްސަލަތައް ނިމިގެންދިޔައީމާ މުރާޖައާ ކުރެވޭނެ ގޮތްގޮތް ހުރޭ. އެކަމަކު އެއީ އެފަދަ ހާލަތްތައް މެދުވެރިވީމަ. އަޅުގަނޑުމެންނަށް ފެނިގެންމިދިޔައީ މިއަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު އޭރު ނެރުނު ކޯޓު އަމުރު މިއަދު ގަބޫލުކުރެވިގެން މިދަނީ އެ ކޯޓު އަމުރު އެއޮތީ އެކީ ތަންފީޒުކުރެވިފައި ކަމަށް. ކުށްވެރިން ވާނީ ކުށްވެރިންނަށް. ކުށްކޮށްފައި ތިބިއްޔާ ވާނީ ކުށްކޮށްފައި ތިބި ކަމަށް،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ދުނިޔޭގެ އެހެން ކަންކޮޅުތަކުގައި ވެސް މައްސަލަތައް ރިވިއު ކުރާނެ އުސޫލުތަކެއް ވެސް އޮންނަ ކަމަށާއި ކުރިއަށް އޮތްތަނުގައި މައްސަލަތައް ރިވިއުކުރެވޭނެ ގޮތް އަދުލް އިންސާފުގެ ދާއިރާއަށް ގެނައުމަކީ ރާއްޖޭގެ މުސްތަގުބަލަށް ކޮންމެހެން ވެސް ކުރަން ޖެހޭނެ ކަމެއް ކަމަށެވެ.