ޚަބަރު

ފަރުވާ ދޭ މީހުންނާއި ޝައްކު ކުރެވޭ މީހުންނާ މެދު ތަފާތު ކުރުން ނުގެންގުޅުއްވާ، އެމީހުންނަށް ހިތްވަރުދެއްވާ

އަލީ ޔާމިން

ކޮވިޑް 19އަށް ފަރުވާ ކުރުމަށް ހަރަކާތްތެރިވާ ސިއްހީ ދާއިރާގެ މީހުންނާއި، އެ ބައްޔަށް ޝައްކު ކުރެވޭ މީހުންނާ މެދު ތަފާތު ކުރުން ނުގެންގުޅުމަށް އައިޖީއެމްއެޗްގެ ސީނިއާ ޑޮކްޓަރު މޫސާ މުރާދު އިލްތިމާސްކުރައްވައިފިއެވެ.

ކޮވިޑް 19ގެ މައުލޫމާތުދިނުމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުރާދު ވިދާޅުވީ، ކޮވިޑް 19 އަކީ މުޅި ދުނިޔެއަށްވެސް އާ ބައްޔެއް ކަމަށާއި އެ ބައްޔަށް މިހާތަނަށް ފަރުވާއެއް ހޯދިފައި ނުވާ ކަމަށެވެ. އަދި ކޮވިޑް 19ގެ ހަބަރުތަކާއި ވާހަކަތައް އަޑުއިވި ގިނަ ރައްޔިތުން ތިބެނީ ބިރުން ކަމަށާއި ސިއްހީ މާހިރުންގެ ހާލަކީވެސް އެއީ ކަމަށް ޑރ. މުރާދު ވިދާޅުވިއެވެ.

ޑރ. މުރާދު ވިދާޅުވީ، ކޮވިޑް 19ގެ ބިރުވެރިކަމާއެކު ބައެއް ކަހަލަގެ ނޭދެވޭ ކަންކަންވެސް ބައެއް ރައްޔިތުންނަށް ކުރެވެމުންދާ ކަމަށާއި އެގޮތުން ކޮވިޑް 19އަށް ފަރުވާ ދޭ މީހުންނާއި ޝައްކު ކުރެވޭ މީހުންނާ މެދު ތަފާތު ކުރުން ގެންގުޅި އެފަރާތްތައް މުޖުތަމައުން ބާކީ ކޮށްލެވޭ ފަހަރު ވަރަށް ގިނައިން އަންނަ ކަމަށެވެ. އަދި މި ދަނޑިވަޅުގައި އެ ފަރާތްތަކަށް ހިތްވަރުދީ އެއްބާރުލުންދޭން ޖެހޭ ކަމަށާއި އެއްގޮތަކަށްވެސް އެފަދަ ފަރާތްތަކާ މެދު ތަފާތު ކުރުން ގެންގުޅެގެން ނުވާނެ ކަމަށެވެ.

"ބައްޔަށް ޝައްކު ކުރެވޭ މީހުން ކޮންމެވެސް ވަރަކަށް އެބަ ބާކީކޮށް ތަފާތު ކުރާ ގޮތް އެބަ މެދުވެރިވޭ. މިސާލަކަށް އާއިލާގެ ތެރެއިންވެސް ބޭފުޅަކު ބައްޔަށް ޝައްކުވެގެން ޓެސްޓެއް ހަދައިފިނަމަ ދެން ވަރަށް ބިރުވެރިކަމެއްގެ ގޮތުގައި ބައެއް ފަހަރު ގެއަށް ވައްދަންވެސް އުޒުރުވެރިވާ ހިސާބަށް ކަންތައް ގޮސްފައިވާ ކަމަށް އެބަ މައުލޫމާތު ލިބޭ" ޑރ. މުރާދު ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. މުރާދު ވިދާޅުވީ، އެފަދަ މީހުންނާ މެދު ތަފާތުކުރުން ގެންގުޅޭނަމަ އެ މީހުންނަށް ނަފްސާނީ ގޮތުން ބޮޑެތި ގެއްލުންތައްވާ ކަމަށެވެ.

"މިފަދަ ކަންކަން ގިނަފަހަރަށް ގުޅިލާމެހެނީ އެމީހުންގެ ނަފްސާނީ ދުޅަހެޔޮކަމާ. މިކަހަލަ ކަންކަން ދިމާވުމުން ނަފްސާނީ މައްސަލަތައް ކުރިމަތިވުމާއި، މީގެ ސަބަބުން އެހެނިހެން ސިއްހީ މައްސަލަތައް އެބަ ކުރިމަތިވޭ،" ޑރ. މުރާދު ވިދާޅުވިއެވެ.

ޑރ. މުރާދު ވަނީ ކޮވިޑް 19އިން ރައްކާތެރިވުމަށް ސަރުކާރުން މިހާރު އަޅައިފައިވާ ފިޔަވަޅުތަކަށް ރައްޔިތުންގެ އެއްބާރުލުން ނުލިބޭ ނަމަ އެ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރަން ޖެހިދާނެ ކަމުގެ އިންޒާރެއްވެސް ދެއްވައިފައެވެ. ނަމަވެސް މިފަދަ ދަނޑިވަޅަކުން އަރައިގަނެވޭނީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށާއި ސަރުކާރުގެ ފިޔަވަޅުތައް ލުއިކުރިނަމަވެސް އިޖުތިމާއީ ގައިދުރުކުރުމާއި އެނޫންވެސް ކަންކަމަށް ސަމާލުކަން ދިނުމަކީ މުހިންމު ކަމެއްކަމުގައި ޑރ. މުރާދު ވިދާޅުވިއެވެ.