ރާއްޖޭގައި މައްސަލައަކީ ވެރިކަމަށް އަންނަ މީހާ ނޫން ކަމަށާއި މައްސަލައަކީ ގާނޫނުގެ މައްޗަށް ހިނގާ ނުފޫޒު ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީޕީއެމްއިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެ ނުފޫޒުތަކާ ދޭތެރޭ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ރައްކާތެރިވެވަޑައިނުގަންނަވާ ކަމުގައިވަންޏާ ރައްޔިތުންގެ ހައްގުތަކެއް އެކަށައެޅިގެންނެއް ނުދާނެ ކަމަށެވެ.
"ދިވެހިރާއްޖޭގެ އަސްލު މައްސަލައަކީ ވެރިކަމަށް އަންނަ މީހެއް ނޫން. ދިވެހިރާއްޖޭގެ މައްސަލައަކީ މިދެންނެވި ގޮތަށް ގާނޫނުގެ މައްޗަށް ހިނގާ ނުފޫޒު، މީހުންގެ މައްޗަށް ހިނގާ ނުފޫޒު، އެކި ކަންކަމަށް ހައްޔަރުކުރެވިފައި ތިބޭ މީހުންގެ މައްޗަށް ހިނގާ ނުފޫޒު. މި ނުފޫޒުތަކާ ދޭތެރޭ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ރައްކާތެރިވެވަޑައިނުގަންނަވާ ކަމުގައިވަންޏާ ރައްޔިތުންގެ ހައްގުތަކެއް އެކަށައެޅިގެންނެއް ނުދާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުގެ ފާއިތުވެގެންދިޔަ ކުޑަ މުއްދަތުގެ ތެރޭގައި ފެނިގެންދިޔައީ އެކަހަލަ ކަންތައްތަކެއް ކަމަށާއި ގާނޫނު އަސާސީއަކީ ރައްޔިތުން ހިމާޔަތްކުރެވޭ ވަރަށް ގިނަ މާއްދާތަކެއް ލިޔެވިފައި އޮތް ވަރަށް ތަފްސީލް ފޮތަކަށް ވެދާނެ ކަމަށެވެ.