ރިސޯޓުތަކާއި ސަފާރީތަކުން ފޭބުމުގެ ހުއްދަ ދެވޭ މީހުން ޓެސްޓުކުރާނީ އަލާމާތެއް ހުރި ނަމަ ކަމަށާއި އެންމެން ޓެސްޓެއް ނުކުރާނެ ކަމަށް ޑރ. މޫސާ މުރާދު ވިދާޅުވެއްޖެއެވެ.
ކޮވިޑް 19އާ ގުޅޭގޮތުން މައުލޫމާތުދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. މުރާދު ވިދާޅުވީ އެންމެ ފަހު ފަތުރުވެރިޔާ ފުރާތާ 14 ދުވަސް ހަމަކުރަން ޖެހެނީ އެއީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އަމަލުކުރާ އިންކިއުބޭޝަން މުއްދަތަށްވުމުން ކަމަށާއި އެހެންކަމުން ރިސޯޓުތަކާއި ސަފާރީތަކުން ފޭބުމުގެ ހުއްދަ ދެވޭ އެންމެން ޓެސްޓުކުރުމަށް ހަމަޖެހިފައިނުވާ ކަމަށެވެ.
"އަޅުގަނޑުމެން ކަނޑައަޅާފައި އެވަނީ އެންމެ ފަހު ފަތުރުވެރިޔާ ފުރާތާ 14 ދުވަސް ފަހުންނޭ ފޭބޭނީ. ދެ ހަފްތާގެ ބޭނުމަކީ މިހާރަށް އަޅުގަނޑުމެންނަށް ލިބިފައިވާ އިންކިއުބޭޝަން ޕީރިއަޑު ފުރިހަމަކުރުން. ދެ ހަފްތާކޮށްފައި އެމީހުން ފައިބާ އިރުގައި އަޅުގަނޑުމެން ހުރިހާ އެންމެން ޓެސްޓުގޮތަކަށް ނޫން އޮތީކީ. އެކަމަކު އޭގެ ތެރެއިން އަލާމާތެއް ހުރި މީހަކު ކަމަށް ވެއްޖެއްޔާ ޓެސްޓުކުރާނެ. އެހެންނަމަވެސް އެންމެންނެއް ޓެސްޓެއް ނުކުރާނެ. އެއީ އެމީހުން އެ ނުކުންނަނީ އިންކިއުބޭޝަން ޕީރިއަޑު ފުރިހަމަކުރުމަށްފަހު،" އޭނާ ވިދާޅުވިއެވެ.
ޑރ. މުރާދު ވިދާޅުވީ 14 ދުވަހުގެ މުއްދަތު ފުރިހަމަކޮށްފައި ފޭބުމުން ބަލި ފެތުރުން ވަރަށް ކުޑަވެގެންދާ ކަމަށާއި ނަމަވެސް އޭގެން އެއްވެސް ކަމަކީ 100 ޕަސަންޓް ކަންތައްތައް ނޫން ކަމަށެވެ. އަދި ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް އިންކިއުބޭޝަން މުއްދަތުގެ ގޮތުގައި ނަގަނީ 14 ދުވަސްކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
އެންމެ ފަހު ފަތުރުވެރިޔާ ފުރާތާ 14 ދުވަސް ހަމަވުމުން، ރިސޯޓުތަކާއި ސަފާރީތަކުން މީހުން ފޭބުމުގެ ހުއްދައަށް އެދުމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންނަނީ އެތަންތަނުން މީހުން ފޭބުމުގެ ހުއްދަދެމުންނެވެ. އެގޮތުން މިހާތަނަށް 18 ރިސޯޓަކާއި 43 ސަފާރީއަކުން މީހުން ފޭބުމުގެ ހުއްދަ ވަނީ ދީފައެވެ.