އިނގިރޭސިވިލާތުން އައި 75 އަށްވުރެ ގިނަ މީހުން ޓެސްޓުކުރެވުނު ކަމަށް ސަރުކާރުން ބުނެފިއެވެ.
ކޮވިޑް 19އާ ގުޅޭގޮތުން މައުލޫމާތުދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒް ވިދާޅުވީ ޓެސްޓުކުރެވުނު އެ އެންމެންގެ ނަތީޖާ ވެސް ނެގަޓިވް ކަމަށެވެ.
"ޔަގީންކޮށް ބުނަން އެނގޭ 75 އަށްވުރެ ގިނަ މީހުން ޓެސްޓުކުރެވުނު. އަދި ޓެސްޓުކުރެވުނު އެންމެންގެ ނަތީޖާ ވެސް ނެގަޓިވް،" އޭނާ ވިދާޅުވިއެވެ.
މިދިޔަ މަހުގެ 14 ވަނަ ދުވަހުން ފެށިގެން 18 ވަނަ ދުވަހުގެ މެންދަމާ ހަމައަށް އިނގިރޭސިވިލާތުން ރާއްޖެއަށް އައިސްފައިވާ މީހުންގެ ސާމްޕަލްތައް ނެގުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ. އެމީހުންގެ ސާމްޕަލްތައް ނަގައި ޓެސްޓުކުރެވިފައިވަނީ އެ ނިންމުމާ ގުޅިގެންނެވެ.
ރާއްޖޭން ހަތަރު ދިވެއްސަކު ކޮވިޑް 19އަށް ޕޮޒިޓިވް ވީ އިރު އެ ހަތަރު މީހުންނަކީ ވެސް އިނގެރޭސިވިލާތުން ރާއްޖެއަށް އައި މީހުންނެވެ.