ކޮވިޑް 19ގެ ފަރުވާ ދިނުމަށް ތަރައްގީކުރާ ހުޅުމާލެ މެޑިކަލް ފެސިލިޓީއަކީ 300 އެނދުގެ ފެސިލިޓީއެއް ކަމަށާއި އެތަނުގައި ސާވިސް ބިލްޑިންއަކާއި އެކޮމޮޑޭޝަން ބްލޮކެއް ހުންނާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.
ކޮވިޑް 19އާ ގުޅޭގޮތުން މައުލޫމާތުދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒް ވިދާޅުވީ އެ ފެސިލިޓީ ތަރައްގީކުރަން 40 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އަންދާޒާ ކުރާ ކަމަށެވެ.
"އެ ތަނަށް މި ކިޔަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީ. ހުޅުމާލެ މެޑިކަލް ފެސިލިޓީ މި ހުންނަނީ ޓްރީޓޮޕް ކުރިމައްޗަށް ކަހަލަ ގޮތަކަށް. އެތަން ހަދާ ނިމޭ އިރުގައި 300 އެނދުގެ ކެޕޭސިޓީ ހުންނާނެ. އޭގެ އިތުރުން ސާވިސް ބިލްޑިންއަކާއި އެކޮމޮޑޭޝަން ބްލޮކެއް ހުންނާނެ. ސާވިސް ބިލްޑިންގެ ބޭނުމަކީ ލޯންޑްރީއާއި ވޭސްޓް މެނޭޖްމަންޓާއި ބަދިގެއާ، މިފަދަ ހިދުމަތްތައް ދެވޭ ތަނެއްގެ ގޮތުގައި ތަރައްގީކުރުން. އަދި އެކޮމޮޑޭޝަން ބްލޮކަކީ މިތަނުގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުންނާ ތިބެވޭ ގޮތަށް ހަދާ އެކޮމޮޑޭޝަން ބްލޮކެއް،" އޭނާ ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ އެތަނުގެ ކޮންޓްރަކްޝަން މަސައްކަތަށް 12 މިލިއަން ރުފިޔާ އަދި މެޑިކަލް އިކުއިޕްމަންޓް ހޯދުމަށް 28 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އަންދާޒާކުރެވޭ ކަމަށެވެ.