ޚަބަރު

ރާއްޖެއިން ދިޔަ ފަހުން ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓްވި 33 މީހަކު އެކަހެރިކޮށް، 21 މީހެއްގެ ސާމްޕަލް ނަގައިފި

ރާއްޖެއިން ދިޔަ ފަހުން ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓްވި 33 މީހަކު އެކަހެރިކޮށް، 21 މީހެއްގެ ސާމްޕަލް ނަގައިފިއެވެ.

ކޮވިޑް 19އާ ގުޅޭގޮތުން މައުލޫމާތުދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒް ވިދާޅުވީ ޖޯލި މޯލްޑިވްސް އާއި ބޮޑުފުށި ރިސޯޓުގައި މަސައްކަތުގައި އުޅެފައި އެނބުރި ގައުމަށް ފަހުން ޕޮޒިޓިވްވި ބިދޭސީ މީހާގެ ކޮންޓެކްޓުން ހޯދުމަށް ކުރި މަސައްކަތުގައި 33 މީހަކު ފާހަގަކުރެވިފައިވާ ކަމަށާއި އަދިވެސް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

"މިހާތަނަށް 33 މީހަކު ވަނީ ފަހަގަކުރެވިފައި. އަދި އެމީހުން ވަނީ އައިސޮލޭޓް ކުރެވިފައި. މީގެ ތެރޭގައި ހިމެނޭ ރިސޯޓުގެ ސްޓާފުންނާއި، އެމީހާ ގޮވައިގެން އެއާޕޯޓަށް ދަތުރުކުރި ކްރޫއިންނާއި، އެއާޕޯޓުތަކުގެ ގްރައުންޑް ސްޓާފުންނާއި، ފުލައިޓުންގެ ކްރޫއިން. 21 މީހެއްގެ ސާމްޕަލް ވެސް ވަނީ ނެގިފައި. ކްލޯސް ކޮންޓެކްޓުގެ ގޮތުގައި ބަލައި ކަށަވަރުކުރުމުގެ މަސައްކަތް އަދިވެސް އެބަ ކުރިއަށްގެންދޭ،" އޭނާ ވިދާޅުވިއެވެ.

އެނބުރި ގައުމަށް ދިޔަ ފަހުން ޕޮޒިޓިވްވި ބިދޭސީ މީހާއަކީ މިދިޔަ އަހަރުގެ އޮކްޓޯބަރު 13 އިން ފެށިގެން މިއަހަރުގެ މާޗް 31 އަށް ޖޯލި މޯލްޑިވްސް އާއި ބޮޑުފުށި ރިސޯޓުގައި މަސައްކަތްކުރި މީހެކެވެ. އޭނާ ޕޮޒިޓިވްވިކަން އެނގުނީ މިދިޔަ ހޯމަ ދުވަހުއެވެ. އެކަމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދުމަށްޓަކައި އެ ދެ ރިސޯޓު ވަނީ މޮނީޓަރިންގެ ހާލަތަށް ގެންގޮސްފައެވެ.