ކޮވިޑް 19އާ ގުޅިގެން ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރާ ކ. ވިލިވަރުގައި ރޯވި އަލިފާން ކޮންޓްރޯލްކޮށްފިއެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހިމް އާޒިމް ވިދާޅުވީ އެ ރިސޯޓުގައި މުދާ ލާފައި ހުރި ކޮންޓެއިނަރެއްގައި އަލިފާން ރޯވިކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެ ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިރޭ 7:41 ހާއިރު ކަމަށާއި އަލިފާން ނިއްވާލުމުގައި އެ ރިސޯޓުގައި ތިބި ސިފައިންނާއި ފުލުހުން ހަރަކާތްތެރިވެފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ މިހާރު ރޯވި އަލިފާން ކޮންޓްރޯލްކުރެވިފައިވާ ކަމަށާއި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ. އަދި ރޯވި ކޮންޓެއިނަރުގައި ހުރީ ޕްލާސްޓިކާއި ކޮންސްޓްރަކްޝަނަށް ބޭނުންކުރާ ސާމާނު ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ހާދިސާއާ ގުޅޭގޮތުން ފުލުހުން ބުނީ ވިލިވަރުގެ ގޮނޑުދޮށް ސަރަހައްދުގައި އޮތް ވިނަގަނޑާއި ފެން ހުސްކުރި ހަން ތަކެއްގައި ރޯވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.