އަލީ ޔާމިން
ދާއިމީ ގޮތެއްގައި ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް ހިންގަން އީޕީއެސް ފައުންޑޭޝަނުން ނިންމައިފިއެވެ.
އެ ފައުންޑޭޝަނުން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމް ކުރިއަށް ގެންދާނީ އިންގްލިޝް ޕްރެޕަރޭޓަރީ އެންޑް ސެކަންޑަރީ ސްކޫލު (އީޕީއެސް)ގެ ކުރީގެ ދަރިވަރުންނާއި އަމިއްލަ ފަރާތްތަކަށް ހުޅުވާލައިގެން ކަމަށެވެ.
އެހެންކަމުން ލޭ ހަދިޔާ ކުރަން ބޭނުންވާ މީހުންގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ ދަފްތަރުގައި ރަޖިސްޓްރީވާން އެދޭ މީހުން އީމެއިލް އެޑްރެހާއި ނަން ޖެހުމަށްފަހު 7770201 ނަންބަރަށް މެސެޖް ކުރުމަށް ވަނީ އެދިފައެވެ. އަދި މޯލްޑިވްސް ބްލަޑް ސާވިސް އަށް ލޭ ހަދިޔާކުރަމުން ގެންދާނީ އެކުލަވާލާ ދަފްތަރުގައި ނަންނޯޓު ކުރަމުން ގެންދާ ތަރުތީބުން އެކަމަށް ކަނޑައަޅާ ދުވަސްތަކެއްގައި ކަމަށް އީޕީއެސް ފައުންޑޭޝަނުން ބުނެއެވެ.
އީޕީއެސް ފައުންޑޭޝަނަކީ ރާއްޖޭގައި ތައުލީމާއި އިޖުތިމާއީ ކަންކަމުގައި ހޭލުންތެރިކަން އުފައްދައި ހިދުމަތް ފޯރުކޮށްދިނުމުގެ އިތުރުން މުޖުތަމައަށް ފައިދާކުރަނިވި ކަންކަމުގައި ހިދުމަތް ކުރުމުގެ މަގްސަދުގައި މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިން ރަޖިސްޓްރީކޮށްފައިވާ ފައުންޑޭޝަނެކެވެ.