ކޮންމެ ކަމަކަށް ނުފޫޒު ވަންނަ ކަމަށްވަންޏާ އަދި އެ ނުފޫޒުތައް ނުހުއްޓުވޭ ކަމުގައިވަންޏާ ރާއްޖޭގައި އަމާންކަމެއް ނޯންނާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީޕީއެމްއިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގައި ކަންކަން ނިމިގެން މިދަނީ ރައްޔިތުން ބޭނުންވާ ގޮތަށް އަމާނާތްތެރިކަމާއެކީ ކަމަށް ސުވާލު އުފައްދާނެ ޖާގަ މިހާރު އެބައޮތް ކަމަށެވެ.
"ދިވެހިރާއްޖޭގައި އަމާންކަމަކީ އިންސާފުވެރިކަމާއި އަދުލުވެރިކަމާއެކީ ރައްޔިތުން ނިންމާ ގޮތަށް ބަސްކިޔުމަށް ނިމިގެންދިއުން. އެކަމަކު ދިވެހިރާއްޖޭގައި ކަންކަން ނިމިގެން މިދަނީ ރައްޔިތުން ބޭނުންވާ ގޮތަށް އަމާނާތްތެރިކަމާއެކީ ކަމަށް ސުވާލު އުފައްދާނެ ޖާގަ މިހާރު އެބައޮތް. އެ ވަންނަނީ ކޮން ނުފޫޒެއްކަން އަޅުގަނޑުމެން އެންމެންނަށް އެބަ އެނގޭ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގައި އަސްލު މައްސަލައަކީ ވެރިކަމަށް އަންނަ މީހެއް ނޫން ކަމަށާއި މައްސަލައަކީ ޕީޕީއެމްގެ ތާއީދާއެކު މަޖިލީހަށް އިންތިހާބުވެވަޑައިގެން މެމްބަރުން އެހެން ޕާޓީތަކާ ގުޅިވަޑައިގެންނެވުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށާއި އެކަމަކީ ރައްޔިތުން ވެސް ގަބޫލުކުރާނެ ކަމެއް ނޫން ކަމަށެވެ.
"އަޅުގަނޑުމެންގެ ޕާޓީގައި އަޅުގަނޑުމެން ވެރިކަމުގައި ތިބެގެން އަޅުގަނޑުމެންގެ މެނިފެސްޓޯއާއި އަޅުގަނޑުމެންގެ އުސޫލުތަކާއި އަދި އަޅުގަނޑުމެންގެ ތާއީދު ހޯއްދަވައިގެން އަޅުގަނޑުމެންނާ އެކީ ގުޅިވަޑައިގެންނެވުމަށްފަހު އަޅުގަނޑުމެން ދޫކުރައްވައި އެހެން ދިމާއަކަށް ދިއުން އެއީ އަޅުގަނޑުމެންނަށް ގަބޫލުކުރަން ފަސޭހަ ކަމެއް ނޫން. އަދި އަޅުގަނޑުމެންނާއެކު މިހާރު ތިއްބެވި މެމްބަރުންނަށް ވެސް ގަބޫލުކުރާކަށް ފަސޭހަކަމަކަށް ނުވާނެ. އަދި އެބޭފުޅުންނަށް ވޯޓު ދެއްވި ބޭފުޅުންނަށް ވެސް ބަލައިގަންނަން ފަސޭހަވާނެ ކަމަކަށް ނުވާނެ. ދިވެހިރާއްޖޭގައި މިކަންކަން އިސްލާހުކުރުމަށް ކޮންކޮން ނުފޫޒުތަކެއްތޯ މިވަންނަނީ އަޅުގަނޑުމެން ހުރިހާ އެންމެންނަށް ވެސް ގަބޫލުކުރަން ފަސޭހަ،" އެމަނިކުފާނު ވިދާޅުވިއެވެ.