ޚަބަރު

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތްތައް ހިންގަން ގަވައިދެއް އެކުލަވާލައިފި

ޖިނާއީ މައްސަލަތަކުގައި ވީޑިއޯ ކޮންފަރެންސުން ޝަރީއަތް ކުރިއަށްގެންދާނެ ގަވައިދެއް އެކުލަވާލައި ސުޕްރީމް ކޯޓުން މިއަދު އާއްމުކޮށްފިއެވެ.

މި ގަވާއިދު އާއްމުކޮށް އެއަށް އަމަލު ކުރަން އެކޯޓުން ނިންމާފައިވަނީ، ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާއާތުގެ ގަވާއިދުގެ ހަ ވަނަ ބާބަށް އަމަލުކުރުން ވަގުތީގޮތުން ހުއްޓާލުމަށްފަހުގައެވެ.

ޖިނާއީ އިޖުރާއާތުގެ ގާނޫނުގެ ދަށުން ސުޕްރީމް ކޯޓުން މީގެކުރިން އެކުލަވާލާފައިވާ ޝަރީއަތްކުރުމާ ބެހޭ ޖިނާއީ އިޖުރާއާތުގެ ގަވައިދުގައި ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތް ހިންގޭނެ އުސޫލުތަކެއް ބަޔާން ކޮށްފައިވީނަމަވެސް، އެ ގަވައިދުގައިވާގޮތުން ވީޑިއޯ ކޮންފަރެންސްގައި ކުރިއަށްގެންދެވެނީ ސިއްރުން ހެކިބަސް ނެގުމާއި ރާއްޖޭން ބޭރުގައި ތިބި މީހުންގެ އިތުރުން އެހެން ރަށްރަށުގައި ތިބި މީހުންގެ ހެކިބަސް ނެގުމުގެ އަޑުއެހުންތަކާއި އިބްތިދާއީ އަޑުއެހުންތަކެވެ.

އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ސޮއިކުރައްވައި، ސުޕްރީމް ކޯޓުން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ އެ ގަވާއިދަށް މިއަދުން ފެށިގެން އަމަލުކުރަން ނިންމާފައިވާ ކަމަށެވެ. މި ގަވައިދަށް އަމަލުކުރުން ނިމުމަކަށް އައިސްފައިވާކަން ސުޕްރީމް ކޯޓުން އާއްމުކުރުމާ ހަމައަށް އެކަން ކުރިއަށްދާނެ ކަމަށްވެސް ސާކިއުލާގައި ބުނެފައިވެއެވެ.

މިއަދު އާއްމުކުރި ގަވައިދުގައި ބުނެފައިވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތްތަކުގަ އާއި ގައިން ގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ހުރި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމުގެ މަޖިލިސްތައް ވީޑިއޯ ކޮޮންފަރެންސްކޮށް ކުރިއަށްގެންދެވިދާނެ ކަމަށެވެ. އަދި އިބްތިދާއީ އަޑުއެހުންތަކާއި ހެކިބަސް ނެގުމުގެ އަޑުއެހުންތަކުގެ އިތުރުން ދައުވާ ލިބޭ މީހާ އެހެން ރަށެއްގައި ހުންނަ ހާލަތްތަކުގައި ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތް ކުރިއަށްގެންދެވިދާނެ ކަމަށްވެސް ގަވައިދުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އެގޮތަށް ކުރިއަށްގެންދާ އަޑުއެހުންތަކުގައި ދިފާއީ ވަކީލުންނާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ވެސް ވީޑިއޯ ކޮންފަރެންސްކޮށް ބައިވެރިވެވޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

ގަވައިދުގައިވާ ގޮތުން ވީޑިއޯ ކޮންފަރެންސްކޮށް ކުރިއަށް ގެންދިޔަޔަސް، ޝަރީއަތުގެ މަޖިލީހުގެ އާންމު އުސޫލުތައް އެފަދަ މަޖިލިސްތަކަށް ވެސް ހިނގާނެ އެވެ. އަދި އެތަނުގައި ކޯޓުގެ ހުރުމަތް ކެނޑޭ އަމަލެއް ކޮށްފި ނަމަ، އެކަމަށް ވަގުތުން ފިޔަވަޅު އެޅިދާނެ ކަމަށް އެ ގަވައިދުގައިވެއެވެ.