ޚަބަރު

އިންފްލުއެންޒާ ވެކްސިން މިހާރު ލިބޭނެ: އެސްޓީއޯ

އަލީ ޔާމިން

އިންފްލުއެންޒާ ރޯގާ ފެތުރިދާނެތީ އެ ބަލިން ރައްކާތެރިވުމަށް ޖަހަން ޖެހޭ އިންފްލުއެންޒާ ވެކްސިން މިހާރު ލިބޭނެ ކަމަށް ސްޓޭޓް ޓްރޭޑިން އޯނައިޒޭޝަން (އެސްޓީއޯ)އިން ބުނެފިއެވެ.

އެސްޓީއޯ މެޑިކަލް ސާވިސްއިން މިއަދު ކުރި ޓުވީޓެއްގައި ބުނީ "2020 ކުއާޑްރިވަލެންޓް" ނަމަކަށް ކިޔާ އިންފްލުއެންޒާއަށް ބޭނުން ކުރާ އާ ވެކްސިނެއް ރާއްޖެ ގެނެސްފައިވާ ކަމަށެވެ. އަދި އެ ވެކްސިން އައިޖީއެމްއެޗްގައި ހުންނަ އެސްޓީއޯގެ ބޭސްފިހާރައިންނާއި ހެންވޭރުގައި ހުންނަ އެސްޓީއޯގެ ބޭސްފިހާރައިގެ އިތުރުން ހުޅުމާލޭގައި ހުންނަ އެސްޓީއޯގެ ބޭސްފިހާރައިން ލިބޭނެ ކަމަށެވެ.

މީގެ އިތުރުން އެސްޓީއޯއިން ބުނީ އަންނަ ހަފްތާގައި އަތޮޅު ތެރޭގައި ހުންނަ އެސްޓީއޯގެ ބޭސްފިހާރަތަކުންނާއި ރީޖަނަލް ބޭސްފިހާރަތަކުންވެސް ލިބޭނެ ކަމަށެވެ.

އެސްޓީއޯއިން ބުނީ އިންފްލުއެންޒާ ވެކްސިން ޖެހުމަކީ މުހިންމު ކަމެއް ކަމަށާއި އެކަމުގެ ސަބަބުން އެ ވެކްސިން ޖަހާ މީހާއާއި އެހެން ފަރާތްތައްވެސް އިންފުލުއެންޒާ ރޯގާއިން ރައްކާތެރިވެވޭނެ ކަމަށެވެ.

އިންފްލުއެންޒާ ވެކްސިން:

* ވެކްސިންޖެހޭނެ އެންމެ ޅަ އުމުރަކީ ހަ މަހާއި ނުވަ އަހަރާ ދެމެދު.

* ތިން އަހަރު ނުވާނަމަ ޑޯޒަކީ 0.25 އެމްއެލް.

* ބޮޑެތިމީހުންނަށް ޖަހާ ޑޯޒަކީ 0.5 އެމްއެލް.

* ހަ މަހާއި ހަ އަހަރާ ދެމެދުގެ ކުދިން، ފުރަތަމަ ޑޯޒް ޖަހާތާ އެއް މަސް ފަހުން ދެވަނަ ޑޯޒެއް ޖަހަން ޖެހޭ.

އިންފްލުއެންޒާއަކީ އިންފްލުއެންޒާ ވައިރަސްއަކުން ނޭވާލާ ނިޒާމަށް ޖެހޭ އަރުދަފުސް ރޯގާގެ ބައްޔެކެވެ. އިންފްލުއެންޒާގެ ސަބަބުން ބައެއް ފަހަރު ފުރާނައަށްވެސް ނުރައްކާވެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ އިންފްލްއެންޒާ ޖެހުމުގެ ފުރުސަތު 65 އަހަރުން މަތީގެ މީހުންނަށާއި، މާބަނޑު އަންހެނުންނާއި، ފަސް އަހަރުން ދަށުގެ ކުޑަކުދިންނާއި، ދިފާއީ ނިޒާމު ބަލިކަށި މީހުންނާއި، ފުއްޕާމޭގެ ބަލިތައް ފަދަ ބޮޑެތި ބަލިތައް ހުންނަ މީހުންނަށް ބޮޑު ކަމަށެވެ.

އިންފްލުއެންޒާއިން ރައްކާތެރިވުމަށް އާންމު ސާފުތާހިރުކަމާއި މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން މަދު ކުރުމަށާއި ވެކްސިން ޖެހުމަށްވެސް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. ޑޮކްޓަރުން ލަފާ ދެއްވަނީ އިންފްލުއެންޒާ ވެކްސިން ކޮންމެ އަހަރަކުވެސް ޖެހުމަށެވެ. އެއީ އެ ވެކްސިން ޖަހާތާ ހަމަސް ދުވަސް ފަހުން އޭގެ އަސަރު މަޑުމަޑުން ދަށްވާތީއެވެ.