ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ޓެޑްރޯސް އަދޮނަމް ގެބްރެޔުސެސްއާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޯނުން ގުޅުއްވައި ކޮވިޑް 19އާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ މިއަދު ފޯން ކޮންފަރެންސް މެދުވެރިކޮށް ކުރެއްވި މި މަޝްވަރާގައި ކޮވިޑް 19އާ ގުޅިގެން ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތައް ޓެޑްރޯސްއާ ރައީސް ސޯލިހު ހިއްސާކުރެއްވި ކަމަށެވެ. އެގޮތުން މިހާތަނަށް ރާއްޖެއިން ކޮވިޑް 19އަށް ޕޮޒިޓިވްވި 19 މީހަކު ފެނިފައިވީ ނަމަވެސް ކޮމިއުނިޓީ ސްޕްރެޑެެއް ރާއްޖޭގައި ނެތް ކަމަށް ޓެޑްރޯސްގެ އަރިހުގައި ރައިސް ދެންނެވިއެވެ.
މީގެ އިތުރުން މި ބަލިމަޑުކަމާ ގުޅިގެން ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް އެހީތެރިވެވިދާނެ ގޮތްތަކާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ވައިރަހާ ގުޅިގެން ޑަބްލިއުއެޗްއޯ އިން ކުރަމުން އަންނަ މަސައްކަތަށް ވެސް ރައީސް ވަނީ ޝުކުރު އަދާކުރައްވައިފައެވެ. މީގެ އިތުރުން ރާއްޖޭގައި ހަރަކާތްތެރިވާ ޑަބްލިއުއެޗްއޯގެ ޓީމުން ކުރަމުން އަންނަ މަސައްކަތް ވެސް ރައީސް ފާހަގަކުރެއްވިއެވެ.
ދާދިފަހުން ޑަބްލިއުއެޗްއޯ އިން ވަނީ ރާއްޖެއަށް ކޮވިޑް 19ގެ ޓެސްޓު ކިޓުތަކެއް ހަދިޔާކޮށްފައެވެ. އެކަމަށްޓަކައި ރައީސް ސޯލިހު ވަނީ ޑަބްލިއުއެޗްއޯއަށް ޝުކުރު ވެސް އަދާކުރައްވައިފައެވެ.
ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވާ 19 މީހުން ރާއްޖެ އިން ފެނިފައިވާ އިރު، އޭގެ ތެރެއިން 13 މީހުން ވަނީ އެ ބަލިން ފަސޭހަވެފައެވެ.