ސާކް

ސާކް ގެ ގައުމުތަކަށް އެހީވުމަށް ފަސް މިލިއަން ޑޮލަރު ދިނުމަށް އެސްޑީއެފް އިން ނިންމައިފި

މަރިޔަމް ޝަހުދާ

ސާކް ގެ ގައުމުތަކަށް އެހީވުމަށް ފަސް މިލިއަން ޑޮލަރު ދިނުމަށް ސާކް ޑިވަލޮޕްމަންޓް ފަންޑު، އެސްޑީއެފް އިން ނިންމައިފި އެވެ.

އެސްޑީއެފުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ކޮވިޑް 19 އާއި ގުޅިގެން ސާކުގެ ގައުމުތަކަށް ދިމާވެފައިވާ ދަތި ހާލަތުން އަރައިގަތުމަށް ސާކުގެ ކޮންމެ ގައުމަކަށް ފަސް މިލިއަން ޑޮލަރު ދިނުމަށް ނިންމާފައިވަނީ ސާކުގެ ސޯޝަލް ވިންޑޯގެ ދަށުން ކަމަށެވެ.

އެގޮތުން މި ފަންޑުގެ ދަށުން އެހީތެރިކަމަށް ބެނުންވާ ގައުމުތަކުން އެކަމަށް އެދި ހުށަހެޅުމަށް އެސްޑީއެފުން އެދިފައި ވެއެވެ.

އެސްޑީއެފް އަކީ ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް 19ގެ ވަބާއިން ދިމާވަ ގޮންޖެހުންތަކުން އަރައިގަތުމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރާ މޯދީގެ އިސްނެންގެވުމަށް އުފެއްދި އިމަޖެންސީ ރިލީފް ފަންޑެކެވެ. މިފަންޑަށް ސާކުގެ ގައުމުތަކުން ވަނީ ފައިސާ ހަދިޔާކޮށްފައެވެ.

އެގޮތުން މި ފަންޑު ހުޅުވަން ނިންމައި އިންޑިއާއިން ވަނީ މިފަންޑަށް 10 މިލިއަން ޑޮލަރު ހަދިޔާކޮށްފައެވެ. އަދި މި ފަންޑަށް ރާއްޖެއިން ވަނީ ދެލައްކަ ޑޮލަރު ޖަމާ ކުރަން ނިންމާފައެވެ. ބޫޓާނުން ވަނީ އެއް ލައްކަ އެމެރިކާ ޑޮލަރު އެފަންޑަށް ލައިފައެވެ. އަދި އަފްގާނިސްތާނުން އެއް މިލިއަން ޑޮލަރު، ނޭޕާލުން 830،000 ޑޮލަރު މި ފަންޑަށް ޖަމާ ކުރުމަށް ވަނީ ނިންމާފައެވެ. އަދި ސްރީ ލަންކާއިން ފަސް މިލިއަން ޑޮލަރު، ބަންގްލަދޭޝުން 1.5 މިލިއަން ޑޮލަރު އެ ފަންޑަށް ހަދިޔާ ކޮށްފައި ވެއެވެ.