ޚަބަރު

ހުއްދަ ނެތި އެއްވެސް މިސްކިތެއް ބަންދު ނުކުރަން އަންގައިފި

މަރިޔަމް ޝަހުދާ

ހުއްދަ ނެތި އެއްވެސް މިސްކިތެއް ބަންދު ނުކުރުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މިނިސްޓްރީގެ ހުއްދަ ނުހޯދާ މިސްކިތްތައް ބަންދުކުރަމުން ގެންދާކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށެވެ. ނަމަވެސް މިސްކިތެއް ބަންދު ކުރަންޖެހޭ ހާލަތަކަށް ހިނގައްޖެނަމަ އެކަން ކުރަންވާނީ މިނިސްޓްރީގެ ހުއްދައާއެކު ކަމަށް ބަޔާނުގައިވެއެވެ.

ބަޔާނުގައި އިތުރަށް ބުނީ، މިސްކިތާއި މިސްކިތުގެ ގޯތިތެރެ ބޭނުން ކުރުމާއި މިސްކިތުގެ ގޯތިތެރޭގައި ތަނެއް ބިނާކުރުން ނުވަތަ މަރާމާތު ކުރުން އަދި މިސްކިތައް ބައެއް އިތުރުކުރުން ނުވަތަ ބަދަލު ގެނައުން ފަދަ އެއްވެސް ކަމެއް ކުރެވޭނީ ވެސް މިނިސްޓްރީގެ ހުއްދަ ހޯދައިގެން ކަމަށެވެ.

އޭގެ އިތުރުން މިސްކިތްތަކުގައި ބޭނުންކުރުމަށް ބަހައްޓާ ލީފްލެޓާއި ދުއާ ފޮތާއި އަދި އެނޫންވެސް އެކިކަހަލަ ފޮތްތަކާ ތަކެތި މިސްކިތުގައި ބަހައްޓަންވާނީ އެ މިނިސްޓްރީން ބަލައި ޗެކުކޮށް އަދި މިނިސްޓްރީން ފާސްކޮށް ތައްގަނޑު ޖަހާފައިވާ ލިޔުންތައް ކަމަށާއި އަދި އެ ލިޔުންތައް ނޫން އެހެން އެއްވެސް ލިޔުމެއް މިނިސްޓްރީގެ ހުއްދަ ލިބިގެން ނޫނީ މިސްކިތްތަކުގައި ނުބެހެއްޓުމަށް ހަނދާންކޮށްދީފައިވެއެވެ.

ބަޔާނުގައި އިތުރަށް ބުނީ، މިސްކިތުގައި ހުންނަ ސައުންޑްސިސްޓަމް ބޭނުން ކުރަންވާނީ ބަންގި ގޮވުމަށާއި މިނިސްޓްރީގެ ހުއްދައާއެކު އެކި އެންގުންތައް އެންގުމަށް ކަމަށެވެ. މިނޫން ގޮތަކަށް ސައުންޑް ސިސްޓަމް ބޭނުން ކުރަންޖެހިއްޖެ ހާލަތެއްގައި ބޭނުންކުރަންވާނީ މިނިސްޓްރީގެ ހުއްދަ ލިބިގެން ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

ކޮވިޑް 19ގެ ފެތުރުން ކޮންޓްރޯލް ކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ މާލެ ސަރަހައްދުގެ ހުރިހާ މިސްކިތްތަކާއި ރިސޯޓުތަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ވަގުތީ ގޮތުން ހުއްޓާލަން އަންގައިފައެވެ.