ސިއްހީ ހިދުމަތްތެރިންނަށް އެއްބާރުލުންދީ އެދާއިރާއަށް ދުރާލައި އިންވެސްޓު ކުރަން ޖެހޭކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، (ޑަބްލިއުއެޗްއޯ)ގެ ޑިރެކްޓާރ ޖެނެރަލް ޑރ. ޓެޑްރޮސް އަދަނޮމް ވިދާޅުވެއްޖެއެވެ.
ޑރ. ޓެޑްރޮސް މިހެން ވިދާޅުވެފައިވަނީ ދުނިޔޭގެ ސިއްހަތު ދުވަހާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިއްޔެ ކުރެއްވި ޓުވީޓަށް ޝުކުރު އަދާކުރައްވައި، ޖަވާބު ދެއްވަމުންނެވެ.
އެގޮތުން މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ ހާލަތަކީ މީގެ ކުރިން މިފަދަ ކަމެއް ދިމާވެދާނެ ކަމަށް ތައްޔާރުވެފައިވާ ހާލަތެއް ނޫންކަން ފާހަގަކުރައްވައި ޓެޑްރޮސް ވިދާޅުވީ މިއަދުގެ ހާލަތުން އެނގިގެންދަނީ ސިއްހީ ހިދުމަތްތެރިންނަށް އެއްބާރުލުންދީ ދުރާލައި އެމަސައްކަތަށް އިންވެސްޓު ކުރަން ޖެހޭކަން ކަމަށެވެ.
ކޮންމެ އަހަރަކުވެސް ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަ ކުރަމުން އަންނަނީ އޭޕްރީލް މަހު ހަތް ވަނަ ދުވަހުއެވެ. މިއަހަރުގެ ސިއްހަތު ދުވަހުގެ ޝިއާރަކީ "ސަޕޯޓް ނާސެސް އެންޑް މިޑްވައިފްސް" އެވެ.