ޚަބަރު

މެލޭޝިއާގައި ނާދެވި ތިބި 200 ދިވެހިން ގެނެސްފި

އައިދާ އަބްދުލް ހަކީމް

މެލޭޝިއާގައި ނާދެވި ތިބި 200 ދިވެއްސަކު މޯލްޑިވިއަންގެ ރެސްކިއު ފްލައިޓެއްގައި މިއަދު ހެނދުނު ރާއްޖެ ގެނެސްފި އެވެ.

ކޮވިޑް 19 އާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހަމަޖައްސާފައިވާ އުސޫލުން އެމީހުން ވެސް ގެންދާނީ ކަރަންޓީން ފެސިލިޓީއަށެވެ. ރާއްޖޭގައި އެބަލި ފެތުރުނަ ނުދިނުމަށްޓަކައި އެއްވެސް ގައުމެއްގެ އެއްވެސް މީހަކަށް ނާދެވޭ ގޮތަށް ރާއްޖޭގެ ބޯޑަރު ބަންދު ކުރަން މިދިޔަމަހުގެ 25 ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ނިންމަވާފައެވެ.

އެގޮތުން ބަލިން ރައްކާތެރިވުމަށް އެޅި ފިޔަވަޅެއްގެ ގޮތުން ސަރުކާރުން ވަނީ މިިދިޔަ މަހުގެ 17 ވަނަ ދުވަހުން ފެށިގެން މެލޭޝިއާ އިން ރާއްޖެއަށް މީހުން އައުން ވެސް މަނާކޮށްފަ އެވެ.

މެލޭޝިއާގައި ހަލުވިކަމާ އެކު ކޮވިޑް 19 ފެތުރެމުން ދާތީ އެގައުމުން ވެސް ވަނީ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން މީހުން ބޭރުގައި އުޅުން ކޮންޓްރޯލްކޮށް އެގައުމުގެ ވައިގެ ދަތުރުތައް ވެސް ވަނީ ހުއްޓާލައިފައެވެ.

ދިވެހިން ގެނައުމަށް މެލޭޝިއާއަށް މޯލްޑިވިއަނުން ފޮނުވި ފްލައިޓުގައި ރާއްޖޭގައި ތިބި މެލޭޝިއާގެ 30 މީހަކު ވަނީ ގެންގޮސްދީފައެވެ. މީގެ އިތުރުން އެފްލައިޓުގައި މެލޭޝިއާގައި ތިބި ދިވެހިންނަށް ކެއާ ޕެކޭޖުގެ ގޮތުގައި ހަތް ޓަނުގެ މުދާ ވެސް ވަނީ މޯލްޑިވިއަން އިން ގެންގޮސްދީފައެވެ.

ކޮވިޑް 19 ގެ ސަބަބުން، ސްރީލަންކާގެ ކޮލަމްބޯގައި ތާށިވެފައި ތިބި 100 ދިވެހިންނާއި އިންޑިއާގެ ކޮޗިންގައި ނާދެވިފައި ތިބި 189 ދިވެއްސަކު ވެސް މޯލްޑިވިއަނުން ވަނީ ރާއްޖެ ގެނެސްފައެވެ.