ޚަބަރު

ނުއުމާން އަވަހާރަވުމާ ގުޅިގެން ރައީސް ސޯލިހު ތައުޒިޔާ ވިދާޅުވެއްޖެ

އައިދާ އަބްދުލް ހަކީމް

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަހްމަދު ނުއުމާން އަވަހާރަ ވުމާއި ގުޅިގެން ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މި ތައުޒިޔާ ވިދާޅުވީ، ނުއުމާނުގެ އާއިލާއާ ފޯނުން ގުޅުއްވައިގެން ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ. އެގޮތުން ކޮމިޝަނަރު ޖެނަރަލް އޮފް ކަސްޓަމްސް އަހްމަދު ނުއުމާން އަވަހާރަވި ހަބަރު އެއްސެވީ ވަރަށް ފުން ހިތާމައާއެކުގައި ކަމަށާއި ނުއުމާންއަކީ ތެދުވެރި އިހްލާސްތެރި ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނުއުމާން އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ވުމަށްފަހު ކިޑްނީ ޓްރާންސްޕުލާންޓް އޮޕަރޭޝަނަކަށް އިންޑިއާއަށް ވަޑައިގެން އުޅުއްވަނިކޮށެވެ. އަވަހާރަވިއިރު އުމުރަކީ 47 އަހަރެވެ.

ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް މިނިސްޓަރު ފެންވަރުގައި ނުއުމާން އައްޔަން ކުރެއްވީ 11 ޑިސެންބަރު 2018 ގައެވެ.

އައްޑުއަތޮޅު ހިތަދުއަށް އުފަން ނުއުމާނަކީ، މީގެ ކުރިންވެސް ސަރުކާރަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން އެންމެ ފުރަތަމަ ސަރުކާރަށް ހިދުމަތް ކުރަން ފަށްޓަވާފައިވަނީ 29 ޖޫން 1991 ގައެވެ. އަދާކުރައްވާފައިވާ ވަޒީފާތަކުގެ ތެރޭގައި، މޯލްޑިވްސް އެއަޕޯޓްސް އޮތޯރިޓީގެ ރޭޑިއޯ ޓެކްނީޝަންގެ މަގާމާއި، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑުގެ އެސިސްޓެންޓް ޑިރެކްޓަރުކަން ހިމެނެއެވެ. އަދި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ޗެއާމަން ކަމުގެ މަގާމުވެސް ނުއުމާން ފުރުއްވާފައި ވެއެވެ.

ނުއުމާނަކީ އަދާލަތު ޕާޓީގެ އިންސާނީ ހައްގުތަކާބެހޭ ކޮމިޓީގެ ރައީސެވެ.