ޚަބަރު

މޫނު ނިވާކޮށްގެން ތިބި ބަޔަކު ބަންގްލަދޭޝް މީހަކަށް ހަމަލާދީ ވޮލެޓު ފޭރިގެންފި

މަރިޔަމް ޝަހުދާ

ހދ.ކުޅުދުއްފުށީގައި ހިނގި މާރާމާރީއެއްގައި މޫނު ނިވާކޮށްގެން ތިބި ބަޔަކު ބަންގްލަދޭޝް މީހަކަށް ހަމަލާދީ ވޮލެޓު ފޭރިގެންފިއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި މި ހާދިސާގައި ބަންގްލަދޭޝް މީހާއަށް ވަނީ އެކިވަރުގެ އަނިޔާވެފައެވެ. އެގޮތުން އެމީހާގެ ވާއަތު ބުމައިގެ މަތިން އެއް އިންޗި ހުންނަ ވަރުގެ ތަނެއް ވަނީ ފަޅައިގެން ގޮސްފައެވެ. އަދި އެމީހާގެ ކަނާއަތަށް އަނިޔާވެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މި މީހާއަށް ލިބުނު އަނިޔާތަކަށް ފަރުވާ ކުރުމަށް އޭނާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި ހާދިސާ ހިނގާފައިވާ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ ރޭ 22:30 ގައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި ބަންގްލަދޭޝް މީހާއަށް ހަމަލާދީފައި ވަނީ އޭނާ މަގުމަތިން ހިނގާފައި ދަނިކޮށް ސައިކަލެއްގައި ދިޔަ ބައެކެވެ. އަދި ސައިކަލުގައި ތިބި މޫނު ނިވާކޮށްގެން ތިބި މީހުން ބިދޭސީ މީހާއަށް ހަމަލާ ދީފައިވަނީ ދަނޑިބުރިއަކުން ކަމަށް ވެސް ފުލުހުން މައުލޫމާތު އެދެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.