ޚަބަރު

ކޮވިޑް 19އިން ރާއްޖެ ސަލާމަތްވުމުގެ އުންމީދު ބޮޑު: މިނިސްޓަރު އަމީން

އަލީ ޔާމިން

ކޮވިޑް 19އިން ސަލާމަތްވުމުގެ އުންމީދު ރާއްޖެއަށް ވަރަށް ބޮޑު ކަމަށް، ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ސިއްހަތު ދުވަހާ ގުޅިގެން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ދެއްވި ހިތޯބުގައި ވިދާޅުވީ، ކޮވިޑް 19ގެ ގަދަ ރޯޅި ރާއްޖެއަށް އަދި ނުޖެހޭ ކަމަށާއި އެފަދަ ހިނދެއްގައި ރައްކާތެރިކަން އޮތީ ދުރާލާ އެޅޭ ފިޔަވަޅުތަކެއްގެ ސަބަބުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ކޮވިޑް 19އާ ދެކޮޅަށް ރާއްޖެއިން ރަނގަޅު ފިޔަވަޅުތަކެއް އަޅައިފައިވާ ކަމަށާއި މި ބަލިން ރައްކާތެރިވުމަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރެވެމުން އަންނަ ކަމަށެވެ. އެގޮތުން އެ މަސައްކަތްތަކާއެކު ކޮވިޑް 19އިން ރާއްޖެ މިންޖުވާނެ ދުވަސް ވަރަށް އަވަހަށް އަންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެނަށް އިރާދަކުރެއްވިޔާ ދުނިޔޭގެ އަންދާޒާ ކުރުމާއި ލަފާކުރުންތަކާއި ތަފާތުކޮށް ކޮވިޑް 19 އިން ސަލާމަތްވުމުގެ އުންމީދު އެބައޮތް. އެ އުންމީދު ހާސިލުވާނީ ކުރިން ވެސް އަޅުގަނޑު ދެންނެވި ފަދައިން އެންމެން އެކުގައި މަސައްކަތްކޮށްގެން. އިރާދަކުރެއްވިއްޔާ ކޮވިޑް 19 އިން، މި ނުރައްކާތެރި ވައިރަހުން އަޅުގަނޑުމެން މިންޖުވާ ދުވަސް އަންނާނެ،" މިނިސްޓަރު އަމީން ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު އަމީން ވަނީ ކޮވިޑް 19އިން ރައްކާތެރިވުމަށް ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކަށް މިހާރަށްވުރެވެސް ބޮޑަށް ރައްޔިތުންގެ އެއްބާރުލުން ދިނުމަށް އެދިފައެވެ.

ރާއްޖެ އުފެދިފައިވާ ގޮތުން ވަކިވަކި ރަށްތަކެއްގެ މައްޗަށް ރާއްޖެ އެކުލެވިގެންވުމަކީ ނުރައްކާތެރި ރޯގާއަކުން ސަލާމަތްވުމަށް ލިބިފައިވާ ނިއުމަތެއްކަމުގައި ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ކޮވިޑް 19ގެ މި ދަނޑިވަޅުގައި ޑޮކްޓަރުންނާއި ސިއްހީ އެންމެ ހިދުމަތްތެރިން ކުރަމުން އަންނަ މަސައްކަތް މުޅި މުޖުތަމައު ބަލައިގަންނަ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.